ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ހުޅުދޫ ވަކިވުމުން އައްޑޫގެ އިދާރީ އޮނިގަނޑު ރޫޅިއްޖެ، މިއީ ހިތްދަތިކަމެއް: މޭޔަރު ނިޒާރު

އައްޑޫ މޭޔަރު ނިޒާރު ---
އައްޑޫ މޭޔަރު ނިޒާރު ---

އައްޑޫސިޓީ ކައުންސިލުން ހުޅުދޫއާއި މީދޫ ވަކިވެ، އަމިއްލަ ކައުންސިލްތަކެއް އުފެއްދުމަށް އެ ދެ ރަށުގެ ރައްޔިތުން ނިންމުމާ ގުޅިގެން ސިޓީގެ އިދާރީ އޮނިގަނޑު ރޫޅިގެން ހިނގައްޖެކަމަށާއި، މިއީ ލިބުނު ފުން ހިތްދަތިކަމެއް ކަމަށް އައްޑޫސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

މި ނިންމުން އައިސްފައިވަނީ ވަކި ކައުންސިލްތަކެއް އުފެއްދުމާމެދު ގޮތެއް ނިންމުމަށް މިއަދު ބޭއްވި ޚިޔާލުފާޅުކުރުމުގެ ވޯޓުންނެވެ.

މިއަދު ބޭއްވި މި ވޯޓުގައި، ހުޅުދޫގެ 67 އިންސައްތަ ރައްޔިތުންނާއި މީދޫގެ 83 އިންސައްތަ ރައްޔިތުން ވަކި ކައުންސިލެއް އުފެއްދުމަށް ތާއީދުކުރިއިރު، ފޭދޫގެ 73 އިންސައްތަ ރައްޔިތުން ވަނީ ސިޓީ ކައުންސިލާއެކު ދެމިތިބުމަށް ނިންމާފައެވެ.

ވޯޓުގެ ނަތީޖާއާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މޭޔަރު ނިޒާރު ވިދާޅުވީ، މިއީ ދެކެން ބޭނުންވި ހާލަތެއް ނޫން ކަމަށާއި، ނަމަވެސް ހުޅުދޫއާއި މީދޫގެ ރައްޔިތުންގެ ނިންމުމަށް އިޙްތިރާމްކޮށް މަރުޙަބާ ދަންނަވާ ކަމަށެވެ. އޭނާ ވަނީ މި ނިންމުމަކީ، ސިޓީ ކައުންސިލުން އެ ދެ ރަށަށް އިހުމާލުވާ ކަމަށް ބުނެ ރައްޔިތުން ފާޅުކުރަމުން އައި ޝުއޫރުތަކަށް ލިބުނު ހައްލަކަށް ވާނެ ކަމަށް އުންމީދު ކުރައްވާކަމަށް ވިދާޅުވެފައެވެ.

އަނެއްކޮޅުން، ފޭދޫ ރައްޔިތުން ސިޓީއާއެކު ދެމިތިބުމަށް ނިންމި ނިންމުމަކީ "ދުރުވިސްނުންތެރި" އަދި ތަރައްޤީއަށްޓަކައި މުހިންމު ނިންމުމެއްގެ ގޮތުގައި މޭޔަރު ސިފަކުރެއްވިއެވެ. އެކަމަށް މަސައްކަތްކުރެއްވި ފޭދޫގެ ހުރިހާ ރައްޔިތުންނަށް އޭނާ ޝުކުރު އަދާކުރެއްވިއެވެ.

މޭޔަރު ވިދާޅުވީ، މި އިދާރީ ވަކިވުމަކީ އައްޑޫގެ ރައްޔިތުންގެ މެދުގައި އޮތް ޒަމާންވީ އެކުވެރިކަމާއި އުޚުއްވަތްތެރިކަމަށް ބަދަލެއް އަންނަންޖެހޭ ސަބަބެއް ނޫން ކަމަށެވެ. އޭނާ ވަނީ "ފިތުނަވެރި ބަހުސުތަކުން" ދުރުވެ، އައްޑޫގެ ތަރައްޤީއަށް ހުރިހާ ރަށެއް ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ. އަދި ހުޅުދޫއާއި މީދޫގެ ރައްޔިތުންނާ މެދު އެއްވެސް ތަފާތުކުރުމެއް ނުގެންގުޅުއްވާނެ ކަމުގެ ޔަގީންކަންވެސް ދެއްވިއެވެ.