ސިނގިރޭޓް ވައްކަން: ފަހުން ހައްޔަރުކުރި އެންމެންގެ ވަނަވަރު އާންމުކޮށްފި
މާލެއަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް އެމްޕީއެލްގެ ހުޅުމާލެ ޕޯޓުގައި ބަހައްޓާފައި ހުއްޓާ ވަގަށް ނެގި މައްސަލައާ ގުޅިގެން، އިތުރު ތިން މީހަކު ހައްޔަރުކޮށް އެމީހުންގެ ވަނަވަރު ފުލުހުން ހާމަކޮށްފިއެވެ.
މި މައްސަލައިގައި މިހާތަނަށް ޖުމްލަ 9 މީހަކު ހައްޔަރުކޮށްފައިވެއެވެ.
ފަހުން ހައްޔަރުކުރި ތިން މީހުންނަކީ ހދ. ވައިކަރަދޫ، ނޫރަލީގޭ އަހުމަދު ޝަމީމް (42އ) އާއި ހ. ރުމޭނިއާ އަހުމަދު ފިރުސާން (35އ) އަދި އައްޑޫ ހިތަދޫ، ޗާންދަނީގޭ ހުސައިން ސާމިހް (35އ) އެވެ. މި ތިން މީހުންގެ ތެރެއިން ޝަމީމާއި ސާމިހް ހަތް ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާއިރު، ފިރުސާން ވަނީ ފަސް ދުވަހުގެ މުއްދަތަކަށް ބަންދުކޮށްފައެވެ. މި މުއްދަތުތައް ފެށިފައިވަނީ މި ތިން މީހުން އިއްޔެ ހައްޔަރުކުރުމަށްފަހު މިއަދު ކޯޓަށް ހާޒިރުކުރުމުންނެވެ.
Ads by BMLމި މައްސަލައިގައި ކުރިން ހައްޔަރުކުރި މުހައްމަދު ވަހީދު (ދިގަލި، 65އ) ހައްޔަރުކޮށްފައިވަނީ ސިނގިރޭޓް ވަގަށް ނެގުމުގެ އޮޕަރޭޝަނަށް ފަންޑުކުރި ކަމުގެ ތުހުމަތުގައެވެ. މިމަހުގެ 15 ވަނަ ދުވަހު 10 ދުވަހަށް ދިގަލި ބަންދުކުރުމަށްފަހު، އެ މުއްދަތު ހަމަވުމާ ގުޅިގެން މިއަދު ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.
މީގެ އިތުރުން މި މައްސަލައިގައި ހިމެނޭ ވިޔަފާރިވެރިޔާ އަދި ލޮޓަސް ކުންފުނީގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކުރީ މި މަހުގެ 15 ވަނަ ދުވަހުއެވެ. އާއްޓޭގެ ބަންދުގެ މުއްދަތު އަދި ހަމައެއް ނުވެއެވެ.
މި މައްސަލައިގައި މިހާތަނަށް ހައްޔަރުކުރި ނުވަ މީހުންގެ ތެރޭގައި އާއްޓޭ އާއި ދިގަލީގެ އިތުރުން ކަސްޓަމްސްގެ ހުޅުމާލެ ޕޯޓުގައި މަސައްކަތްކުރި އިސް މުވައްޒަފެއް ކަމަށްވާ ޒިވާރު އިސްމާއިލާއި، ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓް މުއާޒް އަލީ އާއި، ކ. ތުލުސްދޫ، ލިންކް ހަސަން އަބްދުއްރަހުމާން އާއި، ސިނގިރޭޓް ކޮންޓެއިނާ އުފުލި ދޯނީގެ ކެޕްޓަން ނ. މިލަދޫ، ކެނެރީގޭ އާދަމް ވަހީދު އާއި މިއަދު ވަނަވަރު ހާމަކުރި ތިން މީހުން ހިމެނެއެވެ.
Ads by MACL
