ޝަރުއީ ދާއިރާގެ "ބާރު" ނެތް ކަމަށް ވިދާޅުވި ޖޭއެސްސީގެ ރައީސް ރިޒާ އިސްތިއުފާ ދެއްވައިފި
ޝަރުއީ ދާއިރާގެ މިނިވަންކަމާ ގުޅޭ ގޮތުންނާއި އެ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ބެހޭ ގޮތުން ފާޅުގައި ވަރުގަދަ އިބާރާތްތަކުން ފާޑުވިދާޅުވަމުން ގެންދެވި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު ހުސައިން ރިޒާ، މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ރިޒާގެ ކުއްލި އިސްތިއުފާ އާ ގުޅިގެން، ކްރިމިނަލް ކޯޓާއި ބައެއް މެޖިސްޓްރޭޓް ކޯޓުތަކަށް އަލަށް ފަނޑިޔާރުން އައްޔަން ކުރެއްވުމަށް މިރޭ ސުޕްރީމް ކޯޓުގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ރަސްމިއްޔާތު ވެސް ވަނީ ކެންސަލްކޮށްފަ އެވެ.
ޖޭއެސްސީގެ މެންބަރުކަމުން އިސްތިއުފާ ދެއްވިކަން ރިޒާ ކަށަވަރުކޮށްދެއްވި ނަމަވެސް، އެފަދަ ނިންމެވުމެއް ނިންމެވި ވަކި ސަބަބެއް ހާމައެއް ނުކުރައްވަ އެވެ.
Ads by BMLޕީއެންސީގެ މެންބަރު ރިޒާ އަކީ ޖޭއެސްސީގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ހިމެނިވަޑައިގަންނަވާ މަންދޫބެވެ. އެ ކޮމިޝަނުގެ ރައީސް ކަމަށް އޭނާ އިންތިޚާބު ކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ 12 ވަނަ ދުވަހު އެވެ.
ޖޭއެސްސީގެ ރައީސްގެ ހައިސިއްޔަތުން މަސައްކަތްޕުޅު ކުރެއްވި މުއްދަތުގައި ރިޒާ ވަނީ ޝަރުއީ ނިޒާމުގެ ގޮންޖެހުންތަކާ މެދު ވަރަށް ހާމަކަމާ އެކު ވާހަކަ ދައްކަވާފަ އެވެ. އެގޮތުން، ތަންފީޒީ އެހެން އިދާރާތަކުގެ މުސާރައިގެ އޮނިގަނޑާ އަޅާ ބަލާއިރު، ޝަރުއީ ދާއިރާއަކީ "އެއްވެސް ބާރެއް ނެތް" ބާރެއް ކަމަށް ސިފަކުރައްވައި އޭނާ ވަނީ ފަހުން ވާހަކަ ދައްކަވާފަ އެވެ.
މީގެ އިތުރުން ކޯޓުތަކުގެ މައްސަލަތައް ނުނިމި ލަސްވާ ސަބަބުތަކަށް އަލިއަޅުވާލައްވައި، މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައި ވާހަކަ ދައްކަވަމުން، ދިފާއީ ވަކީލުންނާއި ދައުލަތުގެ ވަކީލުންގެ އެދުމަށް އަޑުއެހުންތައް ފަސްކުރަން ޖެހުމާއި، ފުލުހުން ހެކިން ހާޒިރު ނުކުރުން ފަދަ "މިލިއަން ސަބަބު" ހުރިކަން ރިޒާ ވަނީ ފާހަގަކުރައްވާފަ އެވެ.
Ads by MACL
