ދާރުލްއަރުޤަމްގެ 12 ބުރީގެ ޒަމާނީ އިމާރާތް ރަޝީދު ކާޕެންޓްރީއާ ހަވާލުކޮށްފި
މާލޭގައި އަޅާ ދާރުލްއަރުޤަމް ވަޤުފްގެ 12 ބުރީގެ ޒަމާނީ އިމާރާތް ކުރުމުގެ މަސައްކަތް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އާ ހަވާލުކޮށްފިއެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު މިއަދު އިސްލާމީ މަރުކަޒުގައި ބާއްވައިފި އެވެ. ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވިއިރު، އާރްސީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އާދަމް ރަޙީމްއެވެ.
މި ޢިމާރާތަކީ ޒަމާނީ ވަސީލަތްތަކާއެކު ބިނާކުރެވޭނެ ތަނެކެވެ. ބޭސްމެންޓާއި ގްރައުންޑް ފްލޯގައި ވެހިކަލް ޕާކުކުރުމުގެ އިންތިޒާމު ހަމަޖެހިފައިވާއިރު، ފުރަތަމަ ފްލޯގައި ރިސެޕްޝަނެއް ހުންނާނެއެވެ. މީގެ އިތުރުން ދެވަނަ ބުރީގައި ކޮންފަރެންސް ހޯލެއް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއްވަނަ ބުރިން ފެށިގެން 12 ވަނަ ބުރިއާ ދެމެދު ޒަމާނީ އޮފީސްތަށް، މީޓިންގ ރޫމުތަކާއި، ނަމާދުކުރާ ކޮޓަރި ހިމެނޭނެއެވެ. އަދި އެންމެ މަތީގައިވާ ރޫފްޓޮޕް ބައި ޤާއިމްކުރެވިފައިވާނީ އޯޕަން ޓެރަސްއެއްގެ ގޮތުގައެވެ.
މި މަޝްރޫޢުގެ ޖުމްލަ އަގަކީ 39.4 މިލިއަން ރުފިޔާ ކަމަށާއި 540 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މި މަޝްރޫޢުއަކީ ބޭންކް އޮފް މޯލްޑިވްސް އިސްލާމިކް ފައިނޭންސިންގެ ދަށުން ފަންޑުކުރެވޭ މަޝްރޫޢެއް ކަމަށް މިނިސްޓްރީން ބުނެއެވެ.
Ads by BMLއިސްލާމިކް މިނިސްޓްރީން ލަފާކުރާ ގޮތުގައި މި މަސައްކަތް ނިމުމާއެކު އިސްލާމީ ދާއިރާއަށް މާލީ ގޮތުން ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ. މި އިމާރާތުން އަހަރަކު 10 މިލިއަނަށްވުރެ ގިނަ ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރެވެއެވެ. މި އާމްދަނީގެ %20 ދިވެހިރާއްޖޭގެ ޒަކާތު ހައުސްއަށް ޖަމާކުރާ ގޮތަށް ހަމަޖެހިފައިވާއިރު، ބާކީ %80 އިސްލާމިކް ވަޤުފް ފަންޑަށް ޖަމާކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢުއަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދާ އެއްގޮތަށް ރާއްޖޭގައި ވަޤުފް ފަންޑު އިތުރަށް ފުޅާކުރުމަށް، އިސްލާމީ ދާއިރާއަށް މާލީ މަންފާ ލިބޭނެ ވަސީލަތްތައް އިތުރުކުރުމަށް ކުރިއަށް ގެންދެވޭ މުހިންމު މަޝްރޫޢެކެވެ. ދާރުލްއަރުޤަމްގެ އިތުރުން ހުޅުމާލޭގައި ވަޤުފް އިމާރާތަކާއި، މާލޭގައި ކީރިތި ޤުރުއާނަށް ޚާއްސަ ވަޤުފް އިމާރާތެއް އެޅުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދާދިފަހުން އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ، ކުޅުދުއްފުށި ސިޓީ އަދި ގއ. ވިލިނގިލީގައި ވެސް ވަޤުފް މަޝްރޫޢުތައް ފެށުމަށް ނިންމަވާފައެވެ. މިފަދަ މަޝްރޫޢުތަކުގެ ސަބަބުން ރާއްޖޭގެ އިސްލާމީ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ލަފާކުރެވެއެވެ.
Ads by MACL
