ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ހުޅުމާލެއިން ވަގަށްނެގި 20،000 ޑޮލަރު، ފުލުހުން ހޯދައިފި

ހުޅުމާލެއިން ވަގަށްނެގި 20،000 ޑޮލަރު، ފުލުހުން ހޯދައިފި

ހުޅުމާލޭގައި ބިދޭސީންތަކެއް ދިރިއުޅޭ ސަރަހައްދަކުން ވަގަށްނެގި 20،000 ޔޫއެސް ޑޮލަރު، ފުލުހުންގެ މަސައްކަތުން ހޯދައިފިއެވެ. އެ ފައިސާ ފެނިފައިވަނީ ވައްކަން ހިނގި ސަރަހައްދާ ކައިރިން، ގަސްތަކެއްގެ ތެރޭގައި ފޮރުވާފައި ހުއްޓައެވެ.

ފުލުހުން ބުނީ، މި ވައްކަމުގެ ރިޕޯޓު ލިބިފައިވަނީ މި މަހުގެ 24 ވަނަ ދުވަހުގެ ފަތިހު 2:40 ހާއިރު ކަމަށެވެ. ބިދޭސީން ދިރިއުޅޭ ސައިޓަކުން ވައްކަންކޮށްގެން އުޅޭކަމުގެ މަޢުލޫމާތު ލިބުމާއެކު ފުލުހުން އެ ސަރަހައްދަށް ގޮސް ބެލިއިރު، 20،000 ޑޮލަރާއި، ވޮލެޓުތަކެއް އަދި އިތުރު މުހިންމު ތަކެތި ހިމެނޭ ދަބަހެއް ވަގަށްނަގާފައިވާކަން އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މަޢުލޫމާތާ ގުޅިގެން ފުލުހުން ވަގުތުން އެ ސަރަހައްދު ބަލައި ފާސްކުރަން ފެށިއެވެ. އެގޮތުން ހިންގި ހަރަކާތުގައި، ވަގަށްނެގި ދަބަސް، އޭގައި ހުރި ފައިސާއާއި އެހެނިހެން ހުރިހާ ތަކެއްޗާއެކު، ސަލާމަތުން ފެނިފައިވެއެވެ. ފުލުހުން ބުނީ މިހާރު އެ ހުރިހާ ތަކެއްޗެއް އޭގެ ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ނަމަވެސް، މި ވައްކަމުގައި ބައިވެރިވި ފަރާތްތައް ހޯދުމަށް ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.