ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މަސްވެރިކަމާއި، ކަނޑުފަޅުގެ ވަސީލަތްތަކުން ތަކެތި އުފައްދާ ފަރާތްތަކަށް ރަޖިސްޓްރީވުމަށް ހުޅުވާލައިފި

މަސްވެރިކަމާއި، ކަނޑުފަޅުގެ ވަސީލަތްތަކުން ތަކެތި އުފައްދާ ފަރާތްތަކަށް ރަޖިސްޓްރީވުމަށް ހުޅުވާލައިފި

މަސްވެރިކަމާއި ކަނޑުފަޅުގެ ވަސީލަތްތަކުން ތަކެތި އުފައްދާ ފަރާތްތަކުން މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ކޯޕަރޭޝަންގައި ރަޖިސްޓްރީކުރުމަށް ހުޅުވާލައިފިއެވެ.

މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން (އެމްފޯއެމްޕީސީ) އަކީ ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތްވާގޮތުގެ މަތިން ރާއްޖޭގެ މަސްވެރިކަމުގެ ޞިނާޢަތު އިތުރަށް ފުޅާކޮށް، ދިވެހި މުޖުތަމައަށް އެ ޞިނާޢަތުން ލިބިދޭ މަންފާ އިތުރުކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަންކުރުމަށް އުފައްދާފައިވާ ކުންފުންޏެކެވެ. މިއީ އަކުއަރކަލްޗަރ އާއި މެރިކަލްޗަރ ފަދަ ކަނޑުފަޅުގެ އެންމެހައި ވަސީލަތްތައްތަކުން އުފައްދާ އުފެއްދުންތައް ހިމެނޭގޮތުން، ރާއްޖޭގައި ކުރާ މަސްވެރިކަމުން އުފައްދާ ތަފާތު އެކި ބާވަތްތަކުގެ އުފެއްދުންތައް، ބައިނަލްއަޤުވާމީ ބާޒާރުގައި އާއި ރާއްޖޭގެ ބާޒާރުގައި އިޝްތިހާރުކޮށް ޕްރޮމޯޓްކުރުމާއި އޭގެ ވިޔަފާރިން ލިބޭ މަންފާ އިތުރުކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަންކުރުމުގެ ޒިންމާ މަތިކުރެވިފައިވާ ސަރުކާރުގެ ސައްތައިން ސައްތަ ކުންފުންޏެކެވެ.

މި އުފެއްދުންތައް އިޝްތިހާރުކުރުމަށްޓަކައި މަސްވެރިކަންކުރާ ފަރާތްތަކާއި، މަސް ޕްރޮސެސްކުރާ ފަރާތްތަކާއި، މަސް އެކްސްޕޯޓްކުރާ ފަރާތްތަކާއި، އެކުއަކަލްޗަރ އަދި މެރިކަލްޗަރ އޮޕަރޭޓަރުންނާއި، ވިޔަފާރިވެރިންނާއި، ކޯޕަރޭޓިވް ސޮސައިޓީތަކާއި، ޖަމްޢިއްޔާތަކާއި މިދާއިރާގައި ހަރާކަތްތެރިވާ ގުޅުންހުރި ހުރިހާ ފަރާތެއްގެ ޑޭޓާ ބޭސްއެއް ނުވަތަ ދަތްތަރެއް އެކުލާވާލުމަށް އެ ކުންފުނިން ވަނީ ނިންމާފައެވެ.

ރަޖިސްޓަރީވާންވީ ކީއްވެ؟


* މަސްވެރިކަމުގެ ޤައުމީ ޕްރޮމޯޝަން ނެޓްވޯކުގެ ބައިވެރިއަކަށްވުން
* ބައިނަލްއަޤްވާމީ ބްރޭންޑިންގ އަދި މާރކެޓިންގ ސަޕޯޓް ލިބުމުގެ ފުރުސަތު ފަހިވުން
* މަސްވެރިކަމުގެ ހަރުދަނާ ތަޞައްވުރެއް ބިނާކުރުމުގެ ހިއްސާދާރަކަށް ވުމުގެ ފުރުސަތު ލިބުން
* ކުރިއަށް ހުރިމަޝްރޫޢުތަކާއި، ޙަރަކާތްތަކާއި، ފުރުޞަތުތަކާ ބެހޭ މަޢުލޫމާތު ލިބި، އޭގައި ބައިވެރިވުމުގެ ފުރުސަތު ލިބުން


މި ކުންފުނީގައި ރަޖިސްޓްރީކުރުމަށް ހުޅުވާލެވިފައިވަނީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކުން އުފައްދާ ތަފާތު އެކި ބާވަތްތަކުގެ އުފެއްދުންތަކުގެ ހަރަކާތްތެރިވާ އެންމެހައި ފަރާތްތަކަށެވެ. ރަޖިސްޓްރީކުރުމަށްޓަކައި އެކަމަށް ކަނޑައަޅާފައިވާ ޚާއްސަ ފޯމެއް ފުރިހަމަކުރަންޖެހެއެވެ.

ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތަކަށް ވަކި ޚާއްސަ ބްރޭންޑެއް ތަޢާރަފްކޮށް، އެ ބްރޭންޑްގެ ދަށުން މަސްވެރިކަމާއި ކަނޑުފަޅުގެ އެންމެހައި ވަސީލަތްތަކުން އުފައްދާ އުފެއްދުންތައް މާރކެޓްކޮށް ޕްރޮމޯޓްކުރުމުގެ ޒިންމާ ވެސް މަތިކުރެވިފައިވަނީ މި ކުންފުންޏާއެވެ.