މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތަކުން މީޑިއާ ކޮމިޝަންގެ ރައީސަކަށް ފަރުސަތު
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) ގެ ރައީސަކަށް، ސިވިލް ސާވިސް ކޮމިޝަންގެ ކުރީގެ މެންބަރު މުހައްމަދު ފަރުސަތު އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން ބޮޑު އަޣުލަބިއްޔަތަކުން ފާސްކޮށްފި އެވެ.
މިއަދުގެ ޖަލްސާގައި މިކަމަށް ނެގި ވޯޓުގައި ފަރުސަތު އެ މަގާމަށް އައްޔަނުކުރުމަށް 49 މެންބަރުން ތާއީދުކުރެއްވި އިރު، ދެކޮޅަށް ވޯޓު ދެއްވީ 9 މެންބަރުންނެވެ. ފަރުސަތުގެ ނަން މަޖިލީހުގެ ތަޅުމަށް ހުށަހެޅީ، މިނިވަން މުއައްސަސާތަކުގެ ކޮމިޓީންނެވެ. އެ ކޮމިޓީއަށް މަޖިލީހުގެ ރިޔާސަތުން ވަނީ ކޮމިޝަންގެ ހަތް މެންބަރުންގެ ނަންފުޅުވެސް ފޮނުވާފަ އެވެ.
އެމްއެމްބީސީ އެކުލެވިގެންވަނީ ޖުމްލަ ހަތް މެންބަރުންގެ މައްޗަށެވެ. މީގެ ތެރެއިން މަޖިލީހުން އައްޔަނުކުރި ތިން މެންބަރުންނަކީ ފަރުސަތުގެ އިތުރުން، ސަފާ ޝަފީގު އަދި އާމިނަތު ސަރާހަތު އިއްޒަތެވެ.
Ads by BMLކޮމިޝަންގައި ބްރޯޑްކާސްޓަރުންގެ ފަރާތުން ހިމެނެނީ އަބްދުލްއަޒީޒް އިބްރާހީމް އާއި ޒަމްއަތު އަހްމަދު ވަހީދު އެވެ. އަދި އެހެން މީޑިއާތައް ތަމްސީލުކުރައްވަނީ ސިމާހާ ނަސީމް އާއި ހުސައިން ޘަޤީފެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ޤާނޫނުގެ ދަށުން އުފައްދާފައިވާ މި ކޮމިޝަނަށް މެންބަރުން އައްޔަނުކުރުމުގައި، ތިން މެންބަރުން އައްޔަނުކުރަނީ ރައްޔިތުންގެ މަޖިލީހުންނެވެ. އަނެއް ހަތަރު މެންބަރުންނަކީ މީޑިއާތަކުގެ މެދުގައި ބާއްވާ އިންތިޚާބަކުން ހޮވޭ ބައެކެވެ.
Ads by MACL
