ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ، އަންނަ މަހުން ފެށިގެން ބޮޑުކުރަނީ
ކައުންސިލްތަކުގެ އިދާރީ މުވައްޒަފުން 'އެއްވަނަ ގިންތި' އަށް ގެނެސް، އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މުސާރައަށް ބޮޑެތި ބަދަލުތަކެއް ގެންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިއުލާންކުރައްވައިފިއެވެ. މިކަން ރައީސް ހާމަކުރެއްވީ، ޅ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ކުރެންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ، ސަރުކާރުން މީގެކުރިން އިއުލާންކޮށްފައިވާ ގޮތަށް، ނޮވެމްބަރު މަހުން ފެށިގެން ސިވިލް ސަރވިސް އާއި ޖުޑީޝަރީގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، މިހާތަނަށް ކައުންސިލްތައް ވަކިކުރެވިފައިވަނީ ވަރަށް ދަށު ގިންތިއަކުން ކަމަށާއި، އެތަންތަނުގެ މުވައްޒަފުންނަކީ ރެއާއި ދުވާލު ބުރަކޮށް މަސައްކަތްކުރާ ބައެއްކަމުން، އެ މުވައްޒަފުންނަށް ހައްޤު ދަރަޖަ ދިނުމަކީ މުހިންމު ކަމެއް ކަމަށެވެ.
"އަޅުގަނޑުމެން ނިންމާފައި މިއޮތީ ނޮވެމްބަރ 1 އިން ފެށިގެން ސިވިލް ސަރވިސް މުވައްޒަފުންގެ ޕޭ ހާމަނައިޒްކުރެވި މުސާރަ ބޮޑުވާއިރު ކައުންސިލް މުވައްޒަފުންގެވެސް ޕޭ ހާމަނައިޒްވާއިރު ރާއްޖޭގެ ހުރިހައި ސިވިލް ސަރވިސް މުވައްޒަފުންނާއި އެއް ގިންތިއަކަށް 4 ން 3 އަކަށް ނޫން. 4 ން އެއްވަނަ ގިންތިއަށް ހުރިހައި ކައުންސިލްގެ އިދާރީ މުވައްޒަފުންވެސް މަތިކޮށްލަދޭނަން. އެހެންވީމަ ކައުންސިލްތަކުގައި މަސައްކަތްކުރާ ހުރިހައި އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުވެގެންދާނެ" ރައީސް ވިދާޅުވިއެވެ.
Ads by BML
Ads by MACL
