ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ހިންނަވަރު ތަރައްޤީގެ "ހަލުވި ދުވެލީގައި" ތައުލީމީ މަރުކަޒަށް އައު އިމާރާތެއް!

ހިންނަވަރު ތަރައްޤީގެ "ހަލުވި ދުވެލީގައި" ތައުލީމީ މަރުކަޒަށް އައު އިމާރާތެއް!

ޅ. ހިންނަވަރުގެ ތަރައްޤީއަށް ހަލުވި ދުވެއްޔެއް ގެނައުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން، އެރަށުގައި ހުންނަ ޅ. އަތޮޅު ތައުލީމީ މަރުކަޒަށް ޒަމާނީ އައު އިމާރާތެއް އެޅުމުގެ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޅ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހިންނަވަރަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ. ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އިސްމާޢީލް ޝަފީޢުއެވެ. އެފްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ރައްޒާންއެވެ.

މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރާ އައު އިމާރާތުގައި ޖުމްލަ 8 ކްލާސްރޫމާއި އިދާރީ މަސައްކަތްތަކަށް ޚާއްސަ އިދާރީ ބްލޮކެއް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ސަރުކާރުގެ އަމާޒަކީ މަޑުޖެހިފައިވާ ހިންނަވަރުގެ ތަރައްޤީގެ ދުވެލި ހަލުއިކޮށް، ރައްޔިތުން އެދޭފަދަ ހަރުދަނާ ތަރައްޤީއެއް ހަލުވިކަމާއެކު ގެނެސްދިނުން ކަމަށެވެ. އަދި މިއަދު ސޮއިކުރެވުނު މަޝްރޫޢުތަކަކީ އެ އަމާޒަށް ވާސިލުވުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.