ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ނައިފަރުގެ މަގުތަކަށް ޒަމާނީ ހައްލެއް: ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފި

ނައިފަރުގެ މަގުތަކަށް ޒަމާނީ ހައްލެއް: ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފި

ޅ. ނައިފަރުގެ މަގުތަކަށް ދިމާވެފައިވާ ދަތިތަކަށް ޒަމާނީ ހައްލެއް ގެނައުމަށް ސަރުކާރުން ހިންގާ މަޝްރޫޢުގެ އަމަލީ މަސައްކަތް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ފަށައިފިއެވެ.

މި މަޝްރޫޢު ރަސްމީކޮށް ފައްޓަވައިދެއްވީ، މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގަންނަވާ، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ.

ސަރުކާރުން ވަނީ މި މަޝްރޫޢު ކުރިއަށްގެންދާނީ، ނައިފަރުގެ ރައްޔިތުން ބޭނުންވާ ގޮތުގެ މަތިން، އެ ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ އެއްގޮތަށް ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މިފަދަ މަޝްރޫޢުތައް ސަރުކާރުން ހިންގާއިރު، ފުރަތަމަ އިސްކަންދެނީ ރަށުގެ މުހިންމު މުއައްސަސާތައް ގާއިމްކޮށްފައިވާ މަގުތަކަށާއި، ބޭނުންކުރަން ދަތިވާ ދަރަޖައަށް ހަލާކުވެފައިވާ މަގުތައް މަރާމާތުކުރުމަށެވެ.

ނައިފަރުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވެސް ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. މި މަސައްކަތްތައް ސަރުކާރުން ކުރިއަށްގެންދަނީ އެކި ކުންފުނިތަކާ ހަވާލުކޮށްގެންނެވެ.