ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޑޮލަރު ފޭރުނު މައްސަލަ: ފޭރުމުގައި ބައިވެރި 4 މީހުންވެސް ހައްޔަރުގައި، ޑޮލަރަށް ވީގޮތެއް ނޭންގެ!

ދުނިޔޭގެ ގިނަ ވައިގެ ބަނދަރުތަކަކީ ހައި ސެކިއުރިޓީގައި 24 ގަޑިއިރު ބަލަހައްޓަމުންދާ ތަންތަން ---
ދުނިޔޭގެ ގިނަ ވައިގެ ބަނދަރުތަކަކީ ހައި ސެކިއުރިޓީގައި 24 ގަޑިއިރު ބަލަހައްޓަމުންދާ ތަންތަން ---

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން (ވީއައިއޭ) އެއްލައްކަ ޑޮލަރަށްވުރެ ގިނަ އަދަދެއްގެ ކޭޝް ފޭރުނު ހާދިސާއާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، އެކަމުގައި ބައިވެރިވިކަމަށް ތުހުމަތުކުރެވޭ ހަތަރު މީހަކު ފުލުހުން ހައްޔަރުކޮށްފައިވާއިރު، އެމީހުން ފޭރުނު ޑޮލަރަށް ވީގޮތެއް އަދިވެސް ސާފެއް ނުވެއެވެ. 

އިއްޔެ ފަތިހު ހިނގައިދިޔަ މި ނުރައްކާތެރި ވައްކަމަށްފަހު، އެމީހުން ފިލުމަށް ބޭނުންކުރި ހާއްސަ ލޯންޗާއެކު ހައްޔަރުކޮށްފައިވަނީ ކ. ހުރާ އިންނެވެ.

މި ހާދިސާ ހިނގާފައިވަނީ އިއްޔެ ފަތިހު 4:45 އެހާކަންހާއިރު، އެއާޕޯޓުގެ ކުރީގެ ޓާމިނަލުން އާ ޓާމިނަލަށް ދާން ހަދާފައިވާ "ވޯކްވޭ" މަތިންނެވެ. މޫނު ނިވާކޮށްގެން ތިބި ބަޔަކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ދެ މުވައްޒަފަކަށް ވަޅިން ބިރުދައްކައި، އޭވިއޭޝަން ސެކިއުރިޓީގެ އޮފިސަރުންގެ ލޮލަށް ސްޕްރޭ ޖެހުމަށްފަހު ފައިސާ އަޅާފައިހުރި ސޫޓްކޭސް ފޭރިގަނެގެން ވަނީ ފިލާފައެވެ. އެ ސޫޓްކޭހުގައި ހުރީ އެދުވަހު ފުރަން ހަމަޖެހިފައިވާ ތިން ފްލައިޓެއްގެ ދިވެހި ފަސިންޖަރުންނަށް ދޫކުރާ ޑޮލަރެވެ.

މިކަން ހިންގުމަށް އެމީހުން ވަނީ ރާވައިގެން ކާރެއްގައި އެއާޕޯޓަށް ގޮސްފައެވެ. އަދި ހުޅުލޭ ޖެޓީގައި ތައްޔާރީ ހާލަތުގައި ބާއްވާފައި އޮތް ލޯންޗެއްގައި އެމީހުން ވަނީ ވަގުތުން ހުރާ އަށް ގޮސްފައެވެ. ނަމަވެސް، ވަރަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފުލުހުން ވަނީ އެމީހުން ހުރާ އިން ހައްޔަރުކޮށްފައެވެ. ފުލުހުންގެ މި ހަލުވި ހަރަކާތަށް ގިނަ ބަޔަކު ދަނީ ތައުރީފު ކުރަމުންނެވެ.

މިކަމާ ގުޅިގެން ގިނަ ސުވާލުތަކެއް ވަނީ އުފެދިފައެވެ. ސިފައިންނާއި ފުލުހުން އަދި އޭވިއޭޝަން ސެކިއުރިޓީން ބަލަހައްޓަމުން އަންނަ މަތީ ދަރަޖައިގެ ސެކިއުރިޓީއެއް އޮންނަ ސަރަހައްދެއްގައި މިފަދަ ކަމެއް ހިންގާލެވުނީ ކިހިނެއްތޯ އާއި، މިހާ ގިނަ އަދަދެއްގެ ފައިސާ ގެންދިޔައިރު ބީއެމްއެލް އިން ފުލުހުންގެ އެހީތެރިކަން ނުހޯދީ ކީއްވެތޯ ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.

ނަމަވެސް، މި މައްސަލައިގެ ތަހުގީގާ ގުޅޭ އިތުރު މައުލޫމާތެއް އަދި ދެވެން ނެތް ކަމަށް ފުލުހުން ބުނެއެވެ. ހައްޔަރުކުރި މީހުންގެ ވަނަވަރު ހާމަކޮށްފައިވީނަމަވެސް އަދި ފޭރުނު ފައިސާގެ ތެރެއިން އެއްވެސް މިންވަރެއް ހޯދުނު ކަމެއްވެސް ފުލުހުން އަދި ކަށަވަރެއްކޮށްދީފައެއް ނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ހައްޔަރުކުރި މީހުންނާ ގުޅުންހުރި ގެއެއް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ދަނީ ފާސްކުރަމުންނެވެ.