ވެރިކަމަށް ދެ އަހަރު ފުރުމުގެ ކުރިން، ރައީސް މުއިއްޒު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން ރިކޯޑެއް!
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އެމަނިކުފާނުގެ ވެރިކަމަށް ދެ އަހަރު ފުރުމުގެ ކުރިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ( 187 ރަށަށް) ޒިޔާރަތްކުރައްވައި، ދިވެހި ތާރީޚުގެ ތެރެއިން މުޅިން އާ ރިކޯޑެއް މިއަދު ގާއިމްކުރައްވައިފިއެވެ.
އެއް އަހަރާއި 11 މަސް ދުވަހުގެ ތެރޭގައި، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރެއްވުމަށް ކުރެއްވި ދަތުރުފުޅުތައް ފުރިހަމަކުރައްވާ، އެމަނިކުފާނު 187 ވަނަ މަންޒިލެއްގެ ގޮތުގައި މިއަދު މެންދުރުފަހު 1:42 ގައި ވަޑައިގަތީ ކ. ތުލުސްދޫއަށެވެ.
މި ދަތުރުފުޅުތަކަކީ، ރައީސް ޑރ. މުއިއްޒުގެ ފުރަތަމަ ރިޔާސީ ދައުރުގެ ތެރޭގައި ކޮންމެ ރަށަކަށް މަދުވެގެން ދެ ފަހަރު ޒިޔާރަތްކުރެއްވުމަށް ވެވަޑައިގެންފައިވާ ވައުދުފުޅު ފުއްދެވުމުގެ ތެރެއިން ކުރައްވާ ދަތުރުފުޅުތަކެކެވެ. އެގޮތުން، މިހާތަނަށް 63 ރަށަކަށް ވަނީ ދެވަނަ ފަހަރަށްވެސް ޒިޔާރަތްކުރައްވާފައެވެ.
Ads by BMLމި ކާމިޔާބީއާއެކު، ޑރ. މުއިއްޒު ވެވަޑައިގެންފައިވަނީ 42 އަހަރުގެ ދިގު މެދުކެނޑުމަކަށްފަހު، ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތްކުރެއްވި ފުރަތަމަ ދިވެހި ރައީސަށެވެ. އެމަނިކުފާނުގެ ދަތުރުފުޅުތަކުގައި ހަމައެކަނި ރަށްތަކަށް ވަޑައިގަތުމުގެ ބަދަލުގައި، ކޮންމެ ރަށެއްގެ ރައްޔިތުންނާ ސީދާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވާފައިވެއެވެ. މީގެ އިތުރުން، ރަށު ކައުންސިލުތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިތުރުން، ރަށު ފެންވަރުގެ މުއައްސަސާތަކާ މަޝްވަރާކުރައްވައި، ކޮންމެ ރަށެއްގައި ތަރައްގީގެ އާ މަޝްރޫއުއެއް ވަނީ އިފްތިތާހުކުރައްވާފައެވެ.
ރައްޔިތުންނާ މިހާ ގާތުން ގުޅި، ކުރު މުއްދަތެއްގެ ތެރޭގައި ހުރިހާ ރަށެއްގައި ތަރައްގީގެ މަސައްކަތްތަކެއް ފެށްޓެވުމަކީ، ރާއްޖޭގެ ސިޔާސީ ތާރީޚުގައި މިސާލެއް ނެތް ފަދަ ކަމެއްކަމަށް ގިނަ ބަޔަކު ދެކެއެވެ.
Ads by MACL
