ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މިއީ ތާރީޚީ ކާމިޔާބީއެއް: ހުރިހާ ރަށަކަށް ރައީސް ޒިޔާރަތްކުރެއްވުމުން ނައިބު ރައީސްގެ ތަޢުރީފް

މިއީ ތާރީޚީ ކާމިޔާބީއެއް: ހުރިހާ ރަށަކަށް ރައީސް ޒިޔާރަތްކުރެއްވުމުން ނައިބު ރައީސްގެ ތަޢުރީފް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ދައުރުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވައި، ތާރީހީ ލަނޑުދަނޑިއެއް ހާސިލްކުރައްވައިފި ކަމަށް ނައިބު ރައީސް އަލްއުސްތާޛު ޙުސެއިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

މިއަދު ކ. ތުލުސްދޫއަށް ރައީސް މުޢިއްޒު ކުރެއްވި ޒިޔާރަތާއެކު، ރާއްޖޭގެ އާބާދުވި ހުރިހާ ރަށަކަށް ޒިޔާރަތްކުރެއްވިކަން ފާހަގަކުރައްވައި، ނައިބު ރައީސް ސޯޝަލް މީޑިއާ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތީ ރައްޔިތުންނާ ގާތުން ޚިދުމަތް ކުރެއްވުމުގެ ވަރުގަދަ އަޒުމެއްގައި ކަމަށެވެ.

"މިހާ އަވަސް މުއްދަތެއްގެ ތެރޭގައި އެހެން ވެރިއަކު މި ލަނޑުދަނޑި ހާސިލްކުރައްވާފައި ނުވޭ،" ނައިބު ރައީސްގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވެއެވެ.

ނައިބު ރައީސް ޙުސެއިން މުޙައްމަދު ލަޠީފު ވިދާޅުވި ގޮތުގައި، މި ޒިޔާރަތްތަކަކީ ހަމައެކަނި ރަށްރަށަށް ވަޑައިގަތުން އެކަންޏެއް ނޫނެވެ. އެމަނިކުފާނު ގެންދަވަނީ ކޮންމެ ރަށެއްގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ސަރުކާރުގެ އިދާރާތަކުގެ މަސައްކަތްތައް ގާތުން ބައްލަވައި، ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަން ބައްލަވަމުންނެވެ.

މީގެ އިތުރުން، އެތައް ރަށެއްގައި ތަރައްގީގެ އައު މަޝްރޫޢުތައް ފައްޓަވައިދެއްވައި، ހިނގަމުންދާ މަސައްކަތްތައް ހަލުވިކުރައްވައި، އަދި ނިމިފައިވާ ބައެއް މަޝްރޫޢުތައް އިފްތިތާޙްކޮށްދެއްވަމުން ގެންދަވާކަން ވެސް ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

ނިންމަވާލައްވަމުން ނައިބު ރައީސް ވިދާޅުވީ، ދިވެހި ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ރައީސް މުޢިއްޒު ދައްކަވަމުން ގެންދަވަނީ "ނަމޫނާ ޚިދުމަތުގެ މިސާލެއް" ކަމަށެވެ.

މިއީ ރައްޔިތުންނާ ވީ ވަޢުދުތައް ފުއްދެވުމަށް ސަރުކާރުން ދެއްވާ އަހަންމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.