އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމާއިއެކު ހުރާ ކައުންސިލް ކަޕް މާދަމާ ފަށަނީ
މާލެ އަތޮޅު ހުރާ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ކައުންސިލް ކަޕް މާދަމާ ފަށާނެއެވެ.
މި މުބާރާތް ފުރަތަމަ ފެށުމަށް ހަމަޖެހިފައިވަނީ 24 އޮކްޓޯބަރުގައެވެ. އެހެން ނަމަވެސް ރާއްޖެއަށް ކުރަމުންދިޔަ ވިއްސާރައާއި ގުޅިގެން މޫސުން ތަން ނުދިނުމުގެ ސަބަބުން މުބާރާތް ފެށުން ވަނީ ލަސް ކުރެވިފައެވެ.

Ads by BMLދެ ޖިންސަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި ޖުމްލަ 13 ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެއީ ފިރިހެން 10 ޓީމާއި އަންހެން 3 ޓީމެވެ.
މުބާރާތުގައި ބައިވެރިވި ފިރިހެން ޓީމްތަކަކީ ޓީމް ޖޯކާސް، އެފްސީ ބަދަވީން، ސިނަމަން ދޮންވެލި އެފްސީ، ވޭރިއަސް އެފްސީ، ބްލޫޒް އެސްސީ، ފޯޓީޓޫ އެކްސެލް، ބްލަޑް ޖޫނިއާރސް، ޓީމް ރިވަލްސް، ތްރީޑީ ސްޕޯޓްސް ކުލަބު، ފޯޓީޓޫ، އަދި ތްރީޑީ ކިންގްސް އެވެ.

އަންހެން ޓީމްތަކަކީ ފޯޓީޓޫ ގާލްސް، ބިއުޓީސް، އަދި ބެލިސިމޯއެވެ.

އަންހެން ޑިވިޝަން އެއްގުރޫޕެއްގައި ހިމެނުނު އިރު ފިރިހެން ޑިވިޝަން ކުރިއަށްދާނީ 2 ގުްރޫޕަކަށް ބަހަލައިގެންނެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ފިރިހެން ޑިވިޝަންގައި ވާދަކުރާނީ ވޭރިއަސް އެފްސީ އަދި ރިވަލްސްއެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 20:30 ގައެެވެ. އަންހެން ޑިވިޝަންގެ ފުރަތަމަ މެޗުގައި ބެލިސިމޯ ނިކުންނާނީ ފޯޓީޓޫ ގާލްސް އާއި ދެކޮޅަށެވެ. މި މެޗުފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 22:00 ގައެވެ.

މިއީ މާލެ އަތޮޅުގައި ބާއްވާ އެންމެ އަގުބޮޑު އެއް މުބާރާތެވެ. މި މުބާރާތުގެ ފިރިހެން ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައިވާއިރު ރަނަރަޕް ޓީމަށް ތިރީސް ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށައަޅާފައެވެ.

އަންހެން ޑިވިޝަންގެ ޗެމްޕިއަންޓީމަށް ތިރީސް ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައިވާއިރު، ރަނަރަޕް ޓީމަށް ވަނީ ފަނަރަ ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައެވެ.
Ads by MACL
