ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޖުޑީޝަރީ ކޮމިޓީގެ މުޤައްރިރަކަށް ހޮޅުދޫ ދާއިރާގެ މެންބަރު ޢަބްދުއްސައްތާރު

ހޮޅުދޫ ދާއިރާގެ މެންބަރު ޢަބްދުއްސައްތާރު މުޙައްމަދު -- ފޮޓޯ: މަޖިލިސް
ހޮޅުދޫ ދާއިރާގެ މެންބަރު ޢަބްދުއްސައްތާރު މުޙައްމަދު -- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ މުޤައްރިރަކަށް ހޮޅުދޫ ދާއިރާގެ މެންބަރު ޢަބްދުއްސައްތާރު މުޙައްމަދު އަދި ނައިބު މުޤައްރިރަކަށް ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙު މިއަދުގެ ބައްދަލުވުމުގައި ހޮވައި، ކޮމިޓީގެ އިސް މަގާމުތަކަށް ބަދަލުގެނެސްފިއެވެ.

ކޮމިޓީގެ މުޤައްރިރުކަމުގެ މަޤާމު ހުސްވީ، ކުރިން އެ މަޤާމުގައި ހުންނެވި މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކު، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރުކަމަށް އައްޔަންކުރުމަށް މަޖިލީހުން ރުހުން ދިނުމާ ގުޅިގެން ކޮމިޓީން އިސްތިއުފާ ދެއްވުމުންނެވެ. ސައްތާރަކީ މީގެކުރިން އެ ކޮމިޓީގެ ނައިބު މުޤައްރިރެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ހުސްނީގެ އިސްތިއުފާ އިއުލާންކުރުމަށްފަހު، މުޤައްރިރު ހޮވުމަށް ހުޅުވާލި ފުރުސަތުގައި ސައްތާރުގެ ނަން ހުށަހެޅުއްވީ މިލަންދޫ ދާއިރާގެ މެންބަރު ޙަސަން މުފީދު ޢަބްދުލްޤާދިރެވެ. އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙެވެ.

އެހެން ނަމެއް ހުށަހަޅާފައިނުވާތީ، ސައްތާރުގެ ނަމަށް ވޯޓަށް އެހުމުން، ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 10 މެންބަރުންގެ އިއްތިފާޤުން އޭނާ ވަނީ މުޤައްރިރަކަށް ހޮވިފައެވެ. މަޤާމަށް ހޮވިވަޑައިގަތުމަށްފަހު ވާހަކަ ދައްކަވަމުން ސައްތާރު ވަނީ ހުރިހާ މެންބަރުންގެ ޚިޔާލާއި މަޝްވަރާގެ މަތިން ކޮމިޓީގެ މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ސައްތާރު މުޤައްރިރުކަމަށް ހޮވުމުން ހުސްވި ކޮމިޓީގެ ނައިބު މުޤައްރިރުގެ މަޤާމަށް ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙު ހޮވާފައިވަނީ ވެސް ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުންނެވެ.