އެތުލީޓުންގެ ވިސްނުން ބަދަލުވެއްޖެ، އަމާޒަކީ މެޑެލް ހޯދުން: ވަޒީރު ރާފިޢު
ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ވާދަކުރާ ދިވެހި އެތުލީޓުންގެ ވިސްނުން ބަދަލުވެ، ހަމައެކަނި ތަޖުރިބާ ހޯދުމުގެ ބަދަލުގައި މެޑެލް ހޯދުމަށް އަމާޒު ހިފާފައިވާ ކަމަށާއި، އެ ކާމިޔާބީއާ ހަމައަށް ދިއުމަކީ ދުރުގައި އޮތް ކަމެއް ނޫން ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ބަހްރެއިންގެ މަނާމާގައި މިހާރު ކުރިއަށްދާ ތިންވަނަ އޭޝިއަން ޔޫތު ގޭމްސްގައި ވާދަކުރާ ދިވެހި ޓީމުގެ ކުޅުންތެރިންގެ ހާލަތު ބައްލަވާލެއްވުމަށްފަހު، އެ ގައުމުގައި ހުންނަވައި ދެއްވި އިންޓަވިއުއެއްގައެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މިފަދަ ބޮޑެތި މުބާރާތްތަކުން ކާމިޔާބީ ހޯދުމަށްޓަކައި އެންމެ މުހިންމީ ކުޅުންތެރިން ކޯޗުންގެ އިރުޝާދާ އެއްގޮތަށް، ފުރިހަމަ ސަމާލުކަމެއް ދީގެން ކުޅުމެވެ. އެގޮތަށް މަސައްކަތް ކޮށްފިނަމަ ކާމިޔާބީ އަތުޖެހޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށް ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، މީގެ ކުރީގެ މުބާރާތްތަކާ ޚިލާފަށް މިހާރު ދިވެހި އެތުލީޓުން ކުޅުމަށް ނުކުންނަނީ ހަމައެކަނި ބައިވެރިވެ ތަޖުރިބާ ހޯދުމުގެ ނިޔަތުގައި ނޫން ކަމަށެވެ. އޭގެ ބަދަލުގައި، ކާމިޔާބު ހޯދުމުގެ ވަރުގަދަ އަޒުމެއްގައިކަން، މިހާރު ކުރިއަށްދާ ގޭމްސްގައި ބައެއް ކުޅުންތެރިން މޮޅުވި މެޗުތަކުންވެސް ސާބިތުވާ ކަމަށް ވިދާޅުވިއެވެ.
Ads by BMLމި ފަހަރުގެ އޭޝިއަން ޔޫތު ގޭމްސްގައި ރާއްޖެއިން އަންނަނީ 7 ކުޅިވަރެއްގައި ވާދަކުރަމުންނެވެ. މި ކުޅިވަރުތަކުގައި ވާދަކުރަމުން އަންނަ ޒުވާން ކުޅުންތެރިންގެ ފަރާތުން ރަނގަޅު ވާދަވެރިކަމެއް ފެނިފައިވާއިރު، ކުރިއަށް އޮތް ތަނުގައި މި ގޭމްސްއިން މެޑެލް ހޯދޭނެކަމުގެ އުއްމީދު ބޮޑުކަމަށް ކޯޗުންނާއި ކުޅުންތެރިންވެސް ވަނީ ބުނެފައެވެ.
Ads by MACL
