ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ފަޤީރުންނާއި މިސްކީނުންގެ 14 މީހަކަށް ފްލެޓުގެ ޑައުން ޕޭމަންޓް ސަރުކާރުން ދައްކައިދެނީ

ފަޤީރުންނާއި މިސްކީނުންގެ 14 މީހަކަށް ފްލެޓުގެ ޑައުން ޕޭމަންޓް ސަރުކާރުން ދައްކައިދެނީ

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ބައެއް ފަރާތްތަކަށް، ސޯޝަލް ހައުސިންގެ ތެރެއިން ސަރުކާރުން ދޭ ފްލެޓަށް ޑައުން ޕޭމަންޓް ދެއްކުމަށް 14 ފަރާތަކަށް އެހީދިނުމަށް ނިންމައިފިއެވެ.

ޒަކާތް ހައުސްއިން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ ޒަކާތު ހައުސްއިން އެކުލަވާލާފައިވާ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ބައެއް ފަރާތްތަކަށް، ސޯޝަލް ހައުސިންގެ ތެރެއިން ސަރުކާރުން ދޭ ފްލެޓް ނުވަތަ އެޕާޓްމަންޓް ޔުނިޓް ލިބި، އެ ޔުނިޓްތަކަށް ދައްކަންޖެހޭ ޑައުން ޕޭމަންޓް ނުދެއްކިގެން އުޅޭކަން ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އެހެންކަމުން އެކަން ޒަކާތު ކައުންސިލަށް ހުށަހަޅައި މަޝްވަރާކުރުމަށްފަހު ވަނީ އެ ފަރާތްތަކަށް ޒަކާތު ފަންޑުން ޑައުން ޕޭމަންޓް ދައްކައި ދިނުމަށް ނިންމާފައިވާ ކަމަށް ބަޔާނުގައި ވިދާޅުވެފައިވެއެވެ. އެގޮތުން، 14 ފަރާތަކަށް ޑައުން ޕޭމަންޓުގެ ގޮތުގައި ދައްކަންޖެހޭ ޖުމުލަ 340،000 ރުފިޔާ ޒަކާތު ފަންޑުން ދައްކައިދޭނެ ކަމަށެވެ.

ޒަކާތް ހައުސްއިން ވިދާޅުވީ އެ ފައިސާ ސީދާ އެ ފަރާތްތަކުގެ އަމިއްލަ އެކައުންޓަކަށް ޖަމާކޮށްދިނުމުގެ ބަދަލުގައި، ދައްކާނީ ސަރުކާރުގެ ކަމާގުޅުންހުރި އިދާރާއަށް ކަމަށެވެ. އަދި އެއަށް ފަހު، އެ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތަށް އަންނަ ބަދަލަށް ރިއާޔަތްކޮށް، ފަގީރުކަމުގެ ހާލަތު އަލުން ރިވިއުކޮށް ބެލުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ރާއްޖޭގެ ޒަކާތު ހައުސްގެ ނަމުގައި ވަކި އިދާރާއެއް އުފައްދަވައި، ފަގރުންގެ ކަންކަމަށް ފުޅާ ދާއިރާއެއްގައި ހޭދަކުރުމުގެ މަސްއޫލިއްޔަތު ވަނީ ޒަކާތު ހައުސްއާ ހަވާލުކުރައްވާފައެވެ. އެ މަސްއޫލިއްޔަތާއެކު، ފަގީރުކަމުގައި ތިބި ފަރާތްތައް ތަނަވަސް ހާލަތަކަށް ގެނައުމަކީ ވެސް ވަރަށް މުހިއްމު މަގްސަދެއް ކަމަށް ޒަކާތް ހައުސްއިން ވިދާޅުވިއެވެ. އެގޮތުން، ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް "ޒަކާތު ބެނެފެޝިއަރީ ކާޑެއް" ތައާރުފު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.