އަންނަ އަހަރަށް 64.2 ބިލިޔަން ރުފިޔާގެ ބަޖެޓެއް މަޖިލީހަށް ހުށަހަޅައިފި
ސުކޫކާއި ބޮންޑު ފަދަ ދަރަނިތައް އަނބުރާ ދެއްކުމަށް ބޮޑު ހިއްސާއެއް ހިމަނައި، 2026 ވަނަ އަހަރަށް ދައުލަތުން ލަފާކުރާ 64.2 ބިލިޔަން ރުފިޔާގެ ބަޖެޓް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
މި ބަޖެޓަކީ "ދަރަނީގެ ދެމެހެއްޓެނިވިކަން" އިއާދަކުރުމުގެ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސިފަކޮށް، މާލީ ވަޒީރު މޫސާ ޒަމީރު ވަނީ މިއަދު މަޖިލީހަށް ބަޖެޓް ބަޔާން އިއްވަވާފައެވެ.
އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓުގެ ޖުމްލަ އަދަދަކީ 64,202,565,720 (ފަސްދޮޅަސް ހަތަރު ބިލިއަން ދުއިސައްތަ ދެ މިލިއަން ފަސް ލައްކަ ފަސްދޮޅަސް ފަސް ހާސް ހަތް ސަތޭކަ ވިހި) ރުފިޔާއެވެ. މީގެ ތެރެއިން ދައުލަތުގެ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 40.4 ބިލިޔަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރެއެވެ. ޚަރަދުގެ ބަޔަށް ބަލާއިރު، ޖުމްލަ 49.2 ބިލިޔަން ރުފިޔާ ޚަރަދުވާނެ ކަމަށް އަންދާޒާކޮށްފައިވެއެވެ. އޭގެ ތެރޭގައި ރިކަރަންޓް ޚަރަދުގެ ގޮތުގައި 39.9 ބިލިޔަން ރުފިޔާ އަދި ކެޕިޓަލް ޚަރަދުގެ ގޮތުގައި 9.3 ބިލިޔަން ރުފިޔާ ހިމެނެއެވެ.
Ads by BMLމި ބަޖެޓުގެ އެންމެ ފާހަގަކޮށްލެވޭ އެއް ބަޔަކީ ދަރަނި އަދާކުރުމަށް ޚާއްސަކޮށްފައިވާ ބޮޑު އަދަދެވެ. އެގޮތުން، ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމަށް އެކަނި 9.3 ބިލިޔަން ރުފިޔާ ހިމަނާފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މި ޚަރަދު އުނިކުރުމުން އަންނަ އަހަރުގެ ހަޤީޤީ ބަޖެޓަކީ 55 ބިލިޔަން ރުފިޔާ ކަމަށް ވެސް ވިދާޅުވިއެވެ.
ބަޖެޓް ބަޔާން އިއްވަވަމުން ވަޒީރު ޒަމީރު ވިދާޅުވީ، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަރައްޤީގެ ތަސައްވަރު ހަޤީޤަތަކަށް ހެދުމަށް އެޅޭ ބިންގަލެއް ކަމަށެވެ. "މިސަރުކާރަށް ވާރުތަވި ބޮޑެތި ދަރަނިތަކުން ދިވެހިން ސަލާމަތްކޮށް، ވިސްނުންތެރި ސިޔާސަތުތަކެއްގެ ދަށުން މުސްތަގްބަލުގެ ޖީލުތަކަށް ބުރަ ބޮޑު ނުވާނެހެން... ފަރުމާކޮށްފައިވާ ބަޖެޓެއް،" ވަޒީރު ވިދާޅުވިއެވެ. އަދި މިއީ ސިއްހަތާއި ތައުލީމާއި ހަކަތަ ފަދަ އަސާސީ ޚިދުމަތްތަކަށް ދެމެހެއްޓެނިވި ހައްލުތަކެއް ގެނެސްދޭނެ ބަޖެޓެއް ކަމަށްވެސް ވިދާޅުވިއެވެ.
ބަޖެޓް ބަޔާން ނިންމަވާލައްވަމުން، ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް ބަޖެޓް ފާސްކޮށްދެއްވުމަށް ވަޒީރު ވަނީ މަޖިލީހުގެ މެމްބަރުންގެ އަރިހުން އެދިވަޑައިގެންފައެވެ.
Ads by MACL
