ދ. މީދޫގައި މިފްކޯއިން ޤާއިމުކުރި 30 ޓަނުގެ އައިސްޕްލާންޓާއި 50 ޓަނުގެ އައިސް ސްޓޯރޭޖް ފެސިލިޓީ މިއަދު ރަސްމީކޮށް ހުޅުވައިފި
ދ. އަތޮޅުގެ މަސްވެރިންނަށް ދިމާވެފައިވާ އައިސް ލިބުމުގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ދ. މީދޫގައި މިފްކޯއިން ޤާއިމުކުރި އެންމެޒަމާނީ އައިސްޕްލާންޓް މިއަދު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.
މި ފެސިލިޓީ ރަސްމީކޮށް ހުޅުވައިދެއްވީ މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް، އަލްފާޟިލް އަޙްމަދު ޝިޔާމްއެވެ. މި މަޝްރޫޢުގެ ދަށުން، ދުވާލަކު 30 ޓަނުގެ އައިސް އުފެއްދުމުގެ ޤާބިލުކަން ލިބިފައިވާ އައިސްޕްލާންޓަކާއި، 50 ޓަނުގެ އައިސް ރައްކާކުރެވޭނެ ސްޓޯރޭޖެއް ވަނީ ޤާއިމުކުރެވިފައެވެ.
މިއަދު މީދޫގައި ބޭއްވި މި ޚާއްޞަ ރަސްމިއްޔާތުގައި މިނިސްޓަރ ޝިޔާމްގެ އިތުރުން، މިފްކޯގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) ބްރިގޭޑިއާ ޖެނެރަލް (ރިޓަޔަޑް) ފަރުހަތު ޝަހީރު، އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޙް މުޙައްމަދު ލަޠީފް، އަދި މީދޫ ކައުންސިލްގެ ރައީސްއާއި ކައުންސިލަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
Ads by BMLމި ޕްލާންޓްގެ ސަބަބުން ދ. މީދޫއާއި، އެ އަތޮޅުގެ ކައިރި ރަށްރަށުގެ މަސްވެރިންނަށް ވެސް ލުއިފަސޭހަކަމާއެކު، އަގުހެޔޮކޮށް އައިސް ލިބިގެންދާނެއެވެ. މިއީ ސަރުކާރުން މަސްވެރިކަމުގެ ސިނާޢަތް ތަރައްޤީކޮށް، މަސްވެރިންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފަހިކޮށްދިނުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މުހިންމު ބައެކެވެ.
މީގެ ކުރިން ދ. އަތޮޅުގެ ގިނަ މަސްވެރިންނަށް އައިސް ހޯދުމަށްޓަކައި އެހެން އަތޮޅުތަކަށް ނުވަތަ ދުރު ހިސާބުތަކަށް ދަތުރުކުރަންޖެހެއެވެ. މީގެ ސަބަބުން ވަގުތާއި ފައިސާ އިސްރާފުވެ، ބާނާ މަހުގެ ތާޒާކަން ގެއްލި، މަހަށް ލިބޭ އަގު ދަށްވުމުގެ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނެވެ.މި އައިސްޕްލާންޓް މީދޫގައި ޤާއިމުކުރުމުން، މަސްވެރިންނަށް ބޭނުންވާ ވަގުތު އައިސް ލިބުމުގެ މަގުފަހިވެގެންދާނެއެވެ. މިއީ ބާނާ މަސްތައް ރަނގަޅަށް ރައްކާކޮށް، އެންމެ ފުރިހަމަ އަގުގައި ވިއްކާލުމަށް ލިބިގެންދާނެ ވަރަށް ބޮޑު އެހީތެރިކަމެކެވެ. މީގެ ސަބަބުން މަސްވެރިންގެ އާމްދަނީ އިތުރުވެ، ރަށުގެ އިޤްތިޞާދަށް ވެސް ހެޔޮ އަސަރުތަކެއް ކުރާނެއެވެ.
މިފަދަ މަޝްރޫޢުތަކަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސްވެރިކަމުގެ ބިންގާ ވަރުގަދަކޮށް، މިފްކޯގެ ޚިދުމަތްތައް ލާމަރުކަޒީ އުސޫލުން ފުޅާކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ހިންގޭ މަޝްރޫޢުތަކެކެވެ.
Ads by MACL
