ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ނިމިދިޔަ ސަރުކާރުން ނެގި ލޯނުތައް ދައްކަން އެކަނިވެސް ބަޖެޓުގައި 9 ބިލިއަން ރުފިޔާ ހިމަނައިފި

ނިމިދިޔަ ސަރުކާރުން ނެގި ލޯނުތައް ދައްކަން އެކަނިވެސް ބަޖެޓުގައި 9 ބިލިއަން ރުފިޔާ ހިމަނައިފި

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ނަގާފައިވާ ބޮޑެތި ދަރަނިތައް އަދާކުރުމަށްޓަކައި، 2025 ވަނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓުގައި ޖުމްލަ 9.23 ބިލިއަން ރުފިޔާ (600 މިލިއަން އެމެރިކާ ޑޮލަރު) ހިމަނައިފިއެވެ. މި ބޮޑު އަދަދު ހިމަނާފައިވަނީ އަންނަ އަހަރު ދައްކަންޖެހޭ ސުކޫކާއި ބޮންޑުގެ އަގު އަދާކުރުމަށް ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވަނީ ހާމަކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހަށް ބަޖެޓު ހުށަހަޅުއްވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، ދައުލަތުގެ މާލީ ހާލަތު އޮތީ ނުހަނު ދަށް ފައްތަރެއްގައި ކަމަށެވެ. ބައިނަލްއަގުވާމީ މާލީ އިދާރާތައް ކަމަށްވާ އައިއެމްއެފް އާއި ވޯލްޑް ބޭންކުން ރާއްޖެ ބަނގުރޫޓުވުމުގެ ނުރައްކަލާ ގާތްވެފައިވާ ކަމުގެ އިންޒާރު "އެޓް ހައި ރިސްކު އޮފް ޑެޓް ޑިސްޓްރެސް" ގެ ނަމުގައި ދެމުންދިޔަ ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ޒަމީރު ވިދާޅުވި ގޮތުގައި، އެއްވެސް ރޭވުންތެރިކަމެއް ނެތި، އަދި ބައެއް ފަހަރު ފަންނީ އަދި މާލީ ގާބިލުކަން ނެތް ކުންފުނިތަކަށް މަޝްރޫއުތައް އެވޯޑުކުރުމުގެ ސަބަބުން ގިނަ މަޝްރޫއުތަކެއް ވަނީ މަޑުޖެހިފައެވެ. މީގެ ނަތީޖާއެއްގެ ގޮތުން ދަރަނީގެ ދެމެހެއްޓެނިވިކަން ގެއްލި، 2023 ވަނަ އަހަރުން ފެށިގެން ދައުލަތުގެ ރަސްމީ ރިޒާވް ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށް ވިދާޅުވިއެވެ. އެގޮތުން 2023 ވަނަ އަހަރު ނިމުނުއިރު ޔޫޒަބަލް ރިޒާވް ހުރީ 100 މިލިއަން ޑޮލަރަށް ވުރެ ދަށުގައެވެ.

ނަމަވެސް، މި ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން މިހާރު ހާލަތު ރަނގަޅުވަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ސެޕްޓެމްބަރު މަހުގެ ނިޔަލަށް ދައުލަތުގެ ރަސްމީ ރިޒާވް 860 މިލިއަން ޑޮލަރަށް އަރާފައިވާއިރު، ޔޫޒަބަލް ރިޒާވް 200 މިލިއަން ޑޮލަރަށް އިތުރުވެފައިވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ސަރުކާރުން ދަރަނި ގަޑިންގަޑިއަށް ދައްކާނެކަމުގެ ޔަގީންކަން ބައިނަލްއަގުވާމީ ފަރާތްތަކަށް އަލުން ލިބިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ދަރަނި ކޮންޓްރޯލްކޮށް، ދައުލަތުގެ މާލިއްޔާ ހަރުދަނާ ކުރުމަށް ސަރުކާރުން ވަނީ މުހިންމު ފިސްކަލް އަމާޒުތަކެއް ކަނޑައަޅާފައެވެ. އޭގެ ތެރޭގައި 2028 ވަނަ އަހަރުގެ ނިޔަލަށް، ބަޖެޓް ޑެފިސިޓް ޖީޑީޕީގެ ފަސް އިންސައްތައަށް ދަށްކުރުމާއި، ދައުލަތުގެ ސީދާ ދަރަނި 117 އިންސައްތައަށް ކުޑަކުރުން ހިމެނެއެވެ.

"އަންނަ އަހަރު އޭޕްރީލް މަހު އެކީ އެއްފަހަރާ އަދާކުރަންޖެހޭ 600 މިލިއަން ޑޮލަރު ދައްކާ ޚަލާސްކުރަންޖެހޭ ބިޔަ ޒިންމާއަށް ކުރިމަތިލާއިރު، އަޅުގަނޑަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ އާރޯކަމާއި ވިލުންވެރިކަމާއެކީ ކުރިއަރަމުން އަންނަ އިގުތިސާދެއް އޮތުން،" ޒަމީރު ވިދާޅުވިއެވެ.