ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ގުރައިދޫއަށް ޚާއްސަ ހުކުރެއް: ބައްޕައާއި ދަރިފުޅު ދެ މިސްކިތެއްގައި އިމާމުވެ ހުކުރުކުރަނީ

ގުރައިދޫއަށް ޚާއްސަ ހުކުރެއް: ބައްޕައާއި ދަރިފުޅު ދެ މިސްކިތެއްގައި އިމާމުވެ ހުކުރުކުރަނީ

ކ. ގުރައިދޫއަށް މާދަމާގެ ހުކުރު ވެގެންދާނީ ޚާއްސަ އަދި އުފާވެރި ދުވަހަކަށެވެ. އެއީ، އެ ރަށަށް އުފަން ދެބަފައިން ކަމަށްވާ އަބްދުއް ސަމަދު މުމްތާޒާއި އޭނާގެ ދަރިފުޅު އަބްދުއް ބާތިން އަބްދުއްސަމަދު، އެ ރަށުގެ ދެ މިސްކިތެއްގައި އިމާމުވެ ހުކުރު ނަމާދު ކުރުމަށް ހަމަޖެހިފައިވާތީއެވެ.

ތަޖުރިބާކާރު އިމާމެއް އަދި ގުރައިދޫގެ ކުރީގެ ކަތީބު، އަބްދުއް ސަމަދު މުމްތާޒް، މާދަމާ ހުކުރު ކުރައްވާނީ އެރަށު މަސްޖިދުލް އިޚާގައެވެ. އޭނާގެ ދަރިފުޅު، އަދި ޒުވާން ޚަތީބުންގެ ކޯސް ފުރިހަމަކޮށްފައިވާ އަބްދުއް ބާތިން، އޭނާގެ އުފަން ރަށުގައި ފުރަތަމަ ފަހަރަށް އިމާމުވެ ހުކުރު ކުރާނީ މަސްޖިދުލް ސިއްދީގުގައެވެ.

މިކަމާ ގުޅޭގޮތުން "ވަގުތަށް" މައުލޫމާތު ދެއްވަމުން ގުރައިދޫ ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް ޝަލީޒް ވިދާޅުވީ، އަބްދުއް ސަމަދަކީ މިހާރު މާލޭގައި ދިރިއުޅުއްވި ނަމަވެސް، ހަފްތާ ބަންދުތަކުގައި ރަށަށް ޒިޔާރަތްކޮށް އިމާމުވެ ނަމާދު ކޮށްދެއްވާ ބޭފުޅެއް ކަމަށެވެ. މި ހަފްތާ ބަންދުގައި އާއިލާ ރަށަށް ވަޑައިގަތުމުން، އަބްދުއް ސަމަދުގެ ދަރިފުޅު ބާތިން ލައްވާ ހުކުރު ކުރުވުމަށް ކައުންސިލުން އެދުމުން އެކަން އެގޮތަށް ހަމަޖެހިގެން ދިޔައީ ކަމަށް ޝަލީޒް ވިދާޅުވިއެވެ.

"މި ހަފްތާ ބަންދުގައި އަބްދުއް ސަމާދާއި އެ ބޭފުޅާގެ އާއިލާ ގުރައިދޫއަށް އައުމަށް ވަނީ ހަމަޖެހިފަ. ދެން އަޅުގަނޑުމެން ރިކުއެސްޓް ކުރީ ބާތިން ވެސް އިމާމުވެ ހުކުރު ނަމާދު ކުރުމަށް،" ޝަލީޒް ވިދާޅުވިއެވެ.

މާލޭގައި ތައުލީމު ހާސިލްކުރަމުން އަންނަ ބާތިން މީގެ ކުރިން މާލޭގެ ދެ މިސްކިތެއްގައި އިމާމުވެ ހުކުރު ކޮށްފައިވެއެވެ. ނަމަވެސް، މިއީ އޭނާގެ އުފަން ރަށް ގުރައިދޫގައި އިމާމުވެ ހުކުރުކުރާ ފުރަތަމަ ފަހަރުކަން ޝަލީޒް ފާހަގަކުރެއްވިއެވެ. މިއީ އެ ރަށުގެ ރައްޔިތުންނަށް ވެސް ވަރަށް އުފާވެރި ފުރުޞަތެއް ކަމުގައި އޭނާ ވިދާޅުވިއެވެ.