ހުރާ ކައުންސިލް ކަޕް 2025: މުބާރާތުގެ ފުރަތަމަ މެޗު ވޯރިއާސް ކާމިޔާބު ކުރިއިރު އަންހެން ޑިވިޝަންގެ މެޗު ވީ އެއްވަރު!
މާލެ އަތޮޅު ހުރާ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ހުރާ ކައުންސިލް ކަޕް 2025 ގެ ފުރަތަމަ މެޗު ވޯރިއާސް އެފްސީ ކާމިޔާބު ކުރިއިރު އަންހެން ޑިވިޝަންގެ ފުރަތަމަ މެޗުގައި ބެލިސިމޯ އަދި ފޯޓީޓޫ ގާލްސް ވާދަކުރި މެޗު އެއްވަރު ވެގެން ނިމިއްޖެއެވެ.
މުބާރާތް ފެށުމުގެ ރަސްމިއްޔާތު މިރޭ ހުރާ ރަސްމީ ފުޓްސަލް ދަނޑުގައި ކުރިއަށް ދިޔައިރު މުބާރާތުގައި ދެ ޑިވިޝަންގެ ޓްރޮފީ ވަނީ ދައްކާލާފައެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ފިރިހެން ޑިވިޝަންގެ ވޯރިއޯސް އެފްސީ އަދި ރައިވަލް ވާދަކުރި މެޗް 3-1 އިން ކާމިޔާބު ކުރީ ވޯރިއާސް އެފްސީއެވެ. މެޗު ފަށައިގެން ރައިވަލްސް އިން މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނު ނަމަވެސް ފުރަތަމަ ހާފްގެ މެދަކާއި ހިސާބުން ވޯރިއާސް ވަނީ ކުޅުން ވަރަށް ބޮޑަށް ރަނގަޅު ކޮށްފައެވެ. ދެވަނަ ހާފްގެ ކުރީކޮޅު ދެޓީމްގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ ނަމަވެސް މި ހާފްގެ ގެ ބޮޑުބައެއް ކޮންޓްރޯލް ކޮށްގެން ކުޅެމުން ދިޔައީ ވޯރިއާސް އެފްސީއެވެ.
Ads by BMLމި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ވޯރިއާސްގެ ޖާޒީ ނަންބަރު 11 އަހުމަދު އިމާދުއެވެ.
އަންހެން ޑިވިޝަންގެ ފުރަތަމަ މެޗުގައި ބެލިސިމޯ އަދި ފޯޓީޓޫ ގާލްސް ވާދަކުރި މެޗު ނިމުނީ ދެ ޓީމް އެއްވަރު ވެގެންނެވެ. މެޗުގެ ފުރަތަމަ ހާފްގައި ފޯޓީޓޫ ގާލްސްގެ ފަރާތުން މޮޅު އަވްސް ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ. ނަތީއްޖާއެއްގެ ގޮތުން މެޗުގެ ފުރަތަމަ ގޯލް ކާމިޔާބު ކުރީ ފޯޓީޓޫ ގާލްސްއިންނެވެ. މި ގޯލު އެޓީމަށް ކާމިޔާބު ކޮށްދިނީ އެޓީމްގެ ޖާޒީ ނަންބަރު 07 ފާތުމަތު އިނާޝާއެވެ. މިއީ ބެލިސިމޯ ކުޅުންތެރިއެއްގެ އަތުގައި ޖެހުމުން ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކުރި ގޯލެކެވެ. ދެވަނަ ހާފް ފަށައިގެން ބެލިސިމޯއިން ކުޅެމުން ދިޔައީ ވަރަށް ބޮޑަށް ކުރިއަށް ޖެހިގެންގެންވެ. މި މެޗުގައި ބެލިސިމޯއިން ޖެހި ގޯލް އެޓީމަށް ކާމިޔާބު ކޮށްދިނީ އެޓީމްގެ ބިދޭސީ ކުޅުންތެރިޔާ ޖާޒީ ނަންބަރު 4 ސިޑްނީ ލެންކާއެވެ.
ދެވަނަ ހާފްގައި ދެޓީމްގެ ފަރާތުން ވަރުބަލިކަން ފެނުނު އިރު ދެޓީމަށް ވެސް މި ހާފުގައި އިތުރު ގޯލެއް ކާމިޔާބު ކުރެވޭ ގޮތެއްނުވެއެވެ. މެޗް ނިމިގެން ދިޔައީ 1-1 އިން ދެޓީމް އެއްވަރު ވެގެންނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ބެލިސިމޯގެ ބިދޭސީ ކުޅުންތެރިޔާ ސިޑްނީ ލެންކާއެވެ.
މި މުބާރާތުގައި މިއަދު ތިން މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. ފުރަތަމަ މެޗުގައި ފިރިހެން ޑިވިޝަންގެ ބަދަވީން އަދި ބްލަޑް ސްޕޯޓްސް ކުލަބު ހަވީރު 16:15 ގައި ވާދަކުރާއިރު ރޭގަނޑު 20:15 ގައި ފޯޓީޓޫ އެކްސްއެލް އަދި ތްރީޑީ ކިންގްސް ވާދަކުރާނެއެވެ. އަދި 21:30 ގައި ސިނަމަން އެފްސީ އަދި ފޯޓީޓޫ ވާދަކުރާނެއެވެ.
ދެ ޖިންސަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި ޖުމްލަ 13 ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެއީ ފިރިހެން 10 ޓީމާއި އަންހެން 3 ޓީމެވެ.
މުބާރާތުގައި ބައިވެރިވި ފިރިހެން ޓީމްތަކަކީ ޓީމް ޖޯކާސް، އެފްސީ ބަދަވީން، ސިނަމަން ދޮންވެލި އެފްސީ، ވޭރިއަސް އެފްސީ، ބްލޫޒް އެސްސީ، ފޯޓީޓޫ އެކްސެލް، ބްލަޑް ޖޫނިއާރސް، ޓީމް ރިވަލްސް، ތްރީޑީ ސްޕޯޓްސް ކުލަބު، ފޯޓީޓޫ، އަދި ތްރީޑީ ކިންގްސް އެވެ.
އަންހެން ޓީމްތަކަކީ ފޯޓީޓޫ ގާލްސް، ބިއުޓީސް، އަދި ބެލިސިމޯއެވެ.
އަންހެން ޑިވިޝަން އެއްގުރޫޕެއްގައި ހިމެނުނު އިރު ފިރިހެން ޑިވިޝަން ކުރިއަށްދާނީ 2 ގުްރޫޕަކަށް ބަހަލައިގެންނެވެ.
މިއީ މާލެ އަތޮޅުގައި ބާއްވާ އެންމެ އަގުބޮޑު އެއް މުބާރާތެވެ. މި މުބާރާތުގެ ފިރިހެން ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައިވާއިރު ރަނަރަޕް ޓީމަށް ތިރީސް ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށައަޅާފައެވެ.
އަންހެން ޑިވިޝަންގެ ޗެމްޕިއަންޓީމަށް ތިރީސް ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައިވާއިރު، ރަނަރަޕް ޓީމަށް ވަނީ ފަނަރަ ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައެވެ.
Ads by MACL
