މި ސަރުކާރުގެ ފަސް އަހަރު ނިމޭއިރު ހުރިހާ މިސްކިތެއް ޒަމާނީ ފެންވަރަށް އާކުރާނެ: މިނިސްޓަރ ޝަހީމް
މި ސަރުކާރުގެ ފަސް އަހަރުގެ ދައުރު ނިމުމުގެ ކުރިން ހުރިހާ މިސްކިތެއް ޒަމާނީ މިސްކިތްތަކަށް ބަދަލުކޮށްލާނެ ކަމުގެ ޔަގީންކަން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ދެއްވައިފިއެވެ.
މިނިސްޓަރު މިކަން ހާމަކުރެއްވީ މ. މުއިވެޔޮދޮށުގެ ބިމުގައި އަޅާ ޒަމާނީ މިސްކިތާއި ދަޢުވާ ސެންޓަރުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މި ބިޔަ މަޝްރޫޢުތަކަށް ބޭނުންވާ 200 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ފަންޑު ސްޕޮންސަރުންގެ އެހީގައި މިހާރު ހަމަޖެހިފައިވާކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މުއިވެޔޮދޮށުގެ ބިމުގައި އަޅާ މިސްކިތާއި ދަޢުވާ ސެންޓަރާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އެއީ ހަމައެކަނި އަޅުކަން ކުރުމަށް ހާއްސަ ތަނެއްގެ ބަދަލުގައި، ތަޢުލީމީ އަދި އިޖުތިމާޢީ ހަރަކާތްތަކުގެ މަރުކަޒަކަށް ވެގެންދާނެ ކަމަށެވެ. މަޝްރޫޢު ނިމުމުން، ޕްރީ-ސްކޫލް ފަދަ ހަރަކާތްތައްވެސް ހިލޭ ކުރިއަށް ގެންދެވޭނެ، އެންމެ ޒަމާނީ ވަސީލަތްތައް ހިމެނޭ ނަމޫނާ މަރުކަޒަކަށް އެތަން ވެގެންދާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.
Ads by BMLމިނިސްޓަރު ވިދާޅުވީ، މާލޭގައި އަލުން އެޅުމަށް ހަމަޖެހިފައިވާ ބައު މިސްކިތްތަކުގެ ތެރެއިން ހަމައެކަނި އަފީފުއްދީން މިސްކިތް ފިޔަވައި، އެހެން ހުރިހާ މިސްކިތަކަށް ސްޕޮންސަރުން ލިބިފައިވާ ކަމަށެވެ. އަދި އަފީފުއްދީން މިސްކިތަށްވެސް އަންނަ އަހަރު ސްޕޮންސަރެއް ހަމަޖެހިގެންދާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ވިދާޅުވިއެވެ.
ކުރިއަށް ހުރި މަސައްކަތްތަކުގެ ތާވަލަށް އަލިއަޅުވާލައްވަމުން، ބަރުބަރީ މިސްކިތް އަންނަ ޑިސެމްބަރު މަހު ހުޅުވާއިރު، ޒިކުރާ މިސްކިތުގެ މަސައްކަތް އަންނަ ޖެނުއަރީ މަހު ފެށޭނެ ކަމަށް ޝަހީމް ވިދާޅުވިއެވެ. މީގެ އިތުރުން ވިލިމާލޭގެ ސަލާމް މިސްކިތްވެސް ތަޅާލައި، އާ މިސްކިތެއް އެޅުމުގެ މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ.
މި ހުރިހާ މަޝްރޫޢެއް ވެސް ގާތްގަނޑަކަށް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. "މިދައުރުގެ ތެރޭގައި މާލޭގައި ނުހުންނާނެ ބައު މިސްކިތެއް،" 200 މިލިއަން ރުފިޔާގެ ސްޕޮންސަރޝިޕް ހަމަޖެހުނުކަން ފާހަގަކުރައްވަމުން ޝަހީމް ވިދާޅުވިއެވެ.
Ads by MACL
