ރާއްޖޭގެ ފަތުރުވެރިކަމަށް ރަން އަހަރެއް: އައި ފަތުރުވެރިންގެ އަދަދު 1.8 މިލިއަން ފަހަނައަޅައިފި
މިއަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ވަރަށް ކާމިޔާބު އަހަރެއްކަން ހާމަކޮށް، މިހާތަނަށް ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންގެ ޖުމްލަ އަދަދު 1.8 މިލިއަން ފަހަނައަޅައި ހިނގައްޖެއެވެ.
ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން، މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 9.9 އިންސައްތައިގެ ކުރިއެރުމެކެވެ. މިކާމިޔާބީއާއެކު، ދުވާލެއްގެ މައްޗަށް ރާއްޖެއަށް އެވްރެޖްކޮށް 6,015 ފަތުރުވެރިން އަންނަކަމަށްވެސް ތަފާސްހިސާބުތަކުން ދައްކައެވެ.
މި އަދަދުތަކުން ފެންނަނީ ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރަމުން އަންނަ މިންވަރެވެ. އެގޮތުން، 2022 ވަނަ އަހަރުގެ މި މުއްދަތުގައި 1,498,657 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، 2023 ވަނަ އަހަރުގެ އެ މުއްދަތުގައި އެ އަދަދު ވަނީ 1,641,937 އަށް އިތުރުވެފައެވެ.
Ads by BMLމި އަހަރު ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. އެގައުމުން 291,573 ފަތުރުވެރިން ޒިޔާރާތްކޮށްފައިވާއިރު، އެއީ ޖުމްލަ ފަތުރުވެރިންގެ 16.2 އިންސައްތައެވެ. ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ 223,857 ފަތުރުވެރިންނާއެކު ރަޝިޔާއިންނެވެ. އަދި ތިންވަނައިގައި އިނގިރޭސިވިލާތް އޮތީ 159,615 ފަތުރުވެރިންނާއެކުއެވެ.
ފަތުރުވެރިކަމުގެ މި ކާމިޔާބީގެ މައިބަދައެއްގެ ގޮތުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 1,286 ޓޫރިސްޓް މުއައްސާ އެއް އަންނަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި 174 ރިސޯޓާއި، 933 ގެސްޓްހައުސް، 163 ސަފާރީ އަދި 16 ހޮޓާ ހިމެނެއެވެ. މި ހުރިހާ ތަނެއްގައި ޖުމްލަ 64,994 އެނދު ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް ތައްޔާރުކޮށްފައިވެއެވެ.
Ads by MACL
