”ޖެނަރޭޝަނަލް ބޭން“އާ ގުޅިގެން ބާއްވާ ޚާއްސަ ޓެލަތޯން މިއަދު
”ޖެނަރޭޝަނަލް ބޭން“އާ ގުޅިގެން ބާއްވާ ޚާއްސަ ޓެލަތޯން މިއަދު ފެށުމަށް ހަމަޖެހިއްޖެއެވެ.
ދުންފަތެއް ނެތް ޖީލެއް އުފެއްދުމުގެ ގައުމީ މަސައްކަތަށް ތާއީދު ހޯދުމުގެ ގޮތުން ރާއްޖޭގެ މީޑިއާތައް ގުޅިގެން ބާއްވާ ޚާއްސަ ޓެލެތޯން މިއަދު ހަވީރު ފަށާނެއެވެ. މި ޓެލެތޯން ބާއްވަނީ، 2007 ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އުފަންވެފައިވާ މީހުންނަށް ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރާ ޤާނޫނަށް އަމަލުކުރަން ފެށުން ފާހަގަކުރުމުގެ ގޮތުންނެވެ.
މިއަދު ހަވީރު 3:45 ގައި ފަށާ މި ޓެލެތޯން މާދަމާ ރޭ 12:00 އާ ހަމައަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި މުއްދަތުގެ ތެރޭގައި ޓެލެތޯންގެ ޙަރަކާތްތައް މެދުނުކެނޑި ކުރިއަށްދާނެއެވެ.
Ads by BMLޓެލެތޯނާ ގުޅުވައިގެން، މި ޤާނޫނަށް މަރުޙަބާ ކިޔުމުގެ ގޮތުން 24 ގަޑިއިރުގެ ދިގު ދުވުމެއްވެސް ވަނީ ރާވާފައެވެ. އެކުވެނި ޓްރެކްގައި ކުރިއަށްގެންދާ މި ދުވުން މިއަދު ހަވީރު 4:00 ގައި ފަށައި، މާދަމާ (ހޮނިހިރު) ހަވީރު 4:00 އާ ހަމައަށް ކުރިއަށްދާނެއެވެ. ޓެލެތޯންގެ ތެރެއިން ދުވުމުގެ އެންމެ ފަހުގެ މަޢުލޫމާތުތައްވެސް ގެނެސްދެމުންދާނެއެވެ.
ދުންފަތުގެ އިސްތިއުމާލުކުރުން ކޮންޓްރޯލްކުރުމުގެ ޤާނޫނަށް ގެނައި މި އިސްލާހުގެ ދަށުން، 1 ޖެނުއަރީ 2007 ގެ ފަހުން އުފަންވެފައިވާ އެއްވެސް ފަރާތަކަށް ދުންފަތުގެ ބާވަތްތައް ބޭނުންކުރުމާއި، އެފަދަ ފަރާތްތަކަށް ދުންފަތް ވިއްކުން މާދަމާއިން ފެށިގެން މަނާވާނެއެވެ. "ޖެނަރޭޝަނަލް ބޭން" ގެ ނަމުން މަޝްހޫރުވެފައިވާ މި ބަދަލުގެ މައިގަނޑު މަޤްޞަދަކީ އަންނަން އޮތް ޖީލުތަކަކީ ދުންފަތުގެ ވަބާއިން ސަލާމަތްވެފައިވާ ބައެއްގެ ގޮތުގައި ހެދުމެވެ.
Ads by MACL
