ދުންފަތުން އެއްކިބާވެފައިވާ ޖީލެއް ބިނާކުރުމަށް އެހީވުމުގެ އަޒުމުގައި 24 ގަޑިއިރުގެ "ޓޯޗް ރަން" ފަށައިފި
ދުންފަތުގެ ވަބާއިން އަންނަން އޮތް ޖީލުތައް ސަލާމަތްކޮށް، ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުމަށް އެހީވުމުގެ މަޤްޞަދުގައި، 24 ގަޑިއިރަށް މެދުނުކެނޑި ކުރިއަށްގެންދާ "ނެޝެނަލް ޓޯޗް ރަން" ގެ ނަމުގައި ޚާއްޞަ ދުވުމެއް މިއަދު ހަވީރު ފަށައިފިއެވެ.
މި ދުވުމަކީ، އަންނަ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ތަންފީޒުކުރަން ހަމަޖެހިފައިވާ "ޖެނެރޭޝަން ބޭން" ސިޔާސަތާ ގުޅުވައިގެން ރައްޔިތުން ހޭލުންތެރިކުރުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ. މާފަންނު އެކުވެނި ޓްރެކުގައި ކުރިއަށްދާ މި ދުވުން ރަސްމީކޮށް ފަށްޓަވައިދެއްވީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމްއެވެ.
"ދުޅަހެޔޮ ޖީލަކަށް އެންމެން އެކުގައި" މި ޝިޢާރުގެ ދަށުން ކުރިއަށްގެންދާ މި ހަރަކާތަކީ ޞިއްޙީ ވުޒާރާގެ އިސްނެގުމުގެ މަތިން ކުޅިވަރާ ބެހޭ ވުޒާރާ، އެޗްޕީއޭ، އަދި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔުއެޗްއޯ) ގެ އިތުރުން ސަރުކާރުގެ އެކި އިދާރާތަކާއި ކުންފުނިތައް ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ. މިއަދު ހަވީރު 4:00 އިން ފެށިގެން މާދަމާ ހަވީރު 4:00 އާ ހަމައަށް ކުރިއަށްދާ މި ދުވުމުގައި ދައުލަތުގެ ވަޒީރުންނާއި، އެކި ކުޅިވަރުތަކުގެ އެތުލީޓުންނާއި، ކްލަބް-ޖަމްޢިއްޔާތަކުގެ އިތުރުން ގިނަ ޢަދަދެއްގެ އާންމުން ބައިވެރިވެއެވެ.
Ads by BMLމި ހަރަކާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޑެޕިއުޓީ ޑިރެކްޓަރ ޙަސަން މުޙައްމަދު ވިދާޅުވީ، ރާއްޖެއަކީ "ޖެނެރޭޝަން ބޭން" ތަންފީޒުކުރާ ދުނިޔޭގެ ފުރަތަމަ ޤައުމަށް ވުމަކީ، ދުރު ރާސްތާގައި އޭގެ ހެޔޮ އަސަރު މުޅި މުޖުތަމަޢުއަށް ކުރާނެ، އިންޤިލާބީ ފިޔަވަޅެއް ކަމަށެވެ. "ދުންފަތް ކޮންޓްރޯލްކުރުމަށް ސަރުކާރުގެ ހުރިހާ އިދާރާއަކުންވެސް ވަރަށް ބޮޑު ސިޔާސީ އިސްނެންގެވުމެއް އެބަފެނޭ. އެހެންކަމުން، މިފަދަ ސިޔާซަތަކަށް އަޅުގަނޑުމެން މިތިބީ ތައްޔާރަށް،" ޙަސަން ވިދާޅުވިއެވެ.
ރާއްޖޭގައި ހުންނަވާ ޑަބްލިޔުއެޗްއޯގެ މަންދޫބު، މިސް ޕޭޑެން ވަނީ، ޖީލުތަކަށް ދުންފަތް ވިއްކުން މަނާކުރުމަށް ރާއްޖޭ ސަރުކާރުން ނިންމި ނިންމުމަކީ ކުޑަ ޤައުމަކުން އެޅި ވަރަށް ހިތްވަރުގަދަ ފިޔަވަޅެއްކަމަށް ސިފަކުރައްވައި، އެކަމަށް ތަޢުރީފު ކުރައްވާފައެވެ. އަދި މިކަމަށް ޑަބްލިޔުއެޗްއޯގެ ފުރިހަމަ އެއްބާރުލުމާއި ތާއީދު ލިބޭނެކަމުގެ ޔަޤީންކަންވެސް އޭނާ ދެއްވިއެވެ.
މި ދުވުމުގައި ބައިވެރިވާން ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ފުރުޞަތު ހުޅުވާލާފައިވާއިރު، ދުންފަތުގެ ވަބާއިން ސަލާމަތްވާން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމަށް ހާއްސަ މޯބައިލް ކްލިނިކްތަކާއި، ދުންފަތުގެ ނުރައްކަލާ ބެހޭ މަޢުލޫމާތު ދިނުމަށް އެޑްވޮކަސީ ސްޓޯލްތައްވެސް އެކުވެނި ޓްރެކު ސަރަޙައްދުގައި ވަނީ ޤާއިމުކޮށްފައެވެ.
Ads by MACL
