ލަންދޫ ކައުންސިލް ރަންތަރި 5 ވަނަ ޤުރުއާން މުބާރާތް ފަށައިފި
ނ. ލަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ "ރަންތަރި ޤުރުއާން މުބާރާތް" ގެ 5 ވަނަ މުބާރާތުގެ ހަރަކާތްތައް މިއަދު ފަށައިފިއެވެ. ރަށުގެ ހުރިހާ އުމުރުފުރައެއްގެ ރައްޔިތުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި މުބާރާތް ރަސްމީކޮށް ފަށާފައިވަނީ މިއަދު މެންދުރުފަހު 14:00 ގައި ލަންދޫ ސްކޫލްގެ ހޯލުގައެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި މުބާރާތުގައި ލަންދޫގެ ތުއްތު ކުދިންނާއި ޒުވާނުން އަދި ބޮޑެތި މީހުން ހިމެނޭހެން ވަރަށް ގިނަ އަދަދެއްގެ ބައިވެރިން ވަނީ ފޯރިއާއެކު ބައިވެރިވެފައެވެ. ކީރިތި ޤުރުއާނަށް ކުޑަކުދިންނާއި ޒުވާނުންގެ ހިތްތަކުގައި ލޯބި ޖެއްސުމާއި، ތަޖްވީދުގެ ހަމަތަކާއެކު ރީތިކޮށް ޤުރުއާން ކިޔެވުމަށް ހިތްވަރުދިނުމުގެ މަގުސަދުގައި ބާއްވާ މި މުބާރާތަކީ ލަންދޫ ރައްޔިތުންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ލިބިފައިވާ މުބާރާތެކެވެ.
ލަންދޫ ކައުންސިލުން އިންތިޒާމްކުރާ މި މުބާރާތަށް އެ ކައުންސިލުން ވަނީ ވަރަށް ފުރިހަމައަށް ތައްޔާރުވެފައެވެ. އެގޮތުން، މުބާރާތް ކުރިއަށްދާ ލަންދޫ ސްކޫލް ހޯލުގައި ގާއިމްކޮށްފައިވާ ސްޓޭޖާއި، ހާއްސަކޮށް ސްޓޭޖްގެ ބެކްޑްރޮޕް ވަނީ މުބާރާތުގެ ރޫހާ ގުޅޭގޮތަށް، ވަރަށް ފުރިހަމަކޮށް ޑިޒައިންކޮށްފައެވެ. މިއީ މުބާރާތުގެ ބައިވެރިންނަށާއި، ބަލާލަން އަންނަ ފަރާތްތަކަށް ހިތްގައިމު މާހައުލެއް ފަހިކޮށްދޭ ކަމެކެވެ.
Ads by BMLމި މުބާރާތުގެ ފަނޑިޔާރުކަން ކުރައްވަނީ ދާއިރާއިން ގާބިލް، ތަޖުރިބާކާރު ބޭފުޅުންނެވެ. އޭގެ ތެރޭގައި މާލޭގެ ބައެއް މިސްކިތްތަކުގެ އިމާމުންނާއި، ރާއްޖޭގައި މަޝްހޫރު ދީނީ އިލްމުވެރިން ހިމެނިވަޑައިގަންނަވައެވެ. މުބާރާތުގެ އިސްފަނޑިޔާރެއްގެ ގޮތުގައި ހަރަކާތްތެރިވެވަޑައިގަންނަވަނީ ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝެއިޚް ޢާޒިމް ޚާލިދެވެ. މިއީ މުބާރާތުގެ ފެންވަރު އިތުރަށް މަތިވެގެންދާނެ ސަބަބެއްކަމަށް ގިނަ ބަޔަކު ދެކެއެވެ.
މުބާރާތުގެ ވަނަވަނައަށް އަންނަ ފަރާތްތަކަށް އަގުބޮޑު އިނާމުތަކެއް ވަނީ ހުށަހަޅާފައެވެ. މިއީ ބައިވެރިންނަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމެއްކަން ކައުންސިލުން ފާހަގަކުރެއެވެ.
މުބާރާތުގެ ކިޔެވުންތައް މާދަމާވެސް ކުރިއަށްދާނެއެވެ. އަދި މުބާރާތް ނިންމުމުގެ ރަސްމިއްޔާތާއި އިނާމު ދިނުމުގެ ހަފްލާ މުބާރާތް ނިމުމުން ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
Ads by MACL
