ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރައީސްގެ ވައުދާއި އެއްގޮތަށް ސިވިލް ސާވިސްގެ 30،000 އަށްވުރެ ގިނަ މުވައްޒަފުންގެ މުސާރައިގެ އާ އޮނިގަނޑު އާންމުކޮށްފި

ސަރުކާރުގެ ގިނަ އޮފީސްތަކެއް ހުންނަ ވެލާނާ ބިލްޑިންގ --- ފޮޓޯ: ޕީއެސްއެމް
ސަރުކާރުގެ ގިނަ އޮފީސްތަކެއް ހުންނަ ވެލާނާ ބިލްޑިންގ --- ފޮޓޯ: ޕީއެސްއެމް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް، ސިވިލް ސާވިސްގައި މަސައްކަތްކުރާ 30،000 އަށްވުރެ ގިނަ މުވައްޒަފުންނާއި ދައުލަތުގެ އެހެން އިދާރާތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް، ސަރުކާރުގެ ޕޭ ހާމަނައިޒޭޝަން ސިޔާސަތުގެ ދަށުން ގެންނަ ބަދަލުތައް ފިނޭންސް މިނިސްޓްރީން މިއަދު އާންމުކޮށްފިއެވެ. މި ބަދަލުތަކުގެ ސަބަބުން، މިހާތަނަށް މުސާރަ ބޮޑު ނުކުރެވި ތިބި ދާއިރާތަކުގެ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެއެވެ.

މިނިސްޓްރީން އާންމުކުރި މައުލޫމާތުގައި، ވަޒީފާގެ އާ އޮނިގަނޑު ނުވަތަ 'ޖޮބް މެޓްރިކްސް' ގެ ދަށުން މުސާރަ ބޮޑުވާނެ 8 ދާއިރާއެއް ފާހަގަކޮށްފައިވެއެވެ. އެއީ:

  • ބިޒްނަސް އެންޑް އެޑްމިނިސްޓްރޭޓިވް ސާވިސް

  • އެޑިއުކޭޝަނަލް ސާވިސް

  • ހެލްތު ސާވިސް

  • އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް ޓެކްނޮލޮޖީ ސާވިސް

  • ލީގަލް، ކަލްޗާ އެންޑް ސޯޝަލް ސާވިސް

  • ޕްރޮޓެކްޓިވް ސާވިސް

  • ސައިންސް އެންޑް ބިލްޓު އެންވަޔަރްމަންޓް ސާވިސް

  • ސެކްރެޓޭރިއަލް، ސްކިލްޑް އެންޑް އެލެމެންޓްރީ ސާވިސް

އާ ޕޭ ފްރޭމްވޯކްގެ ދަށުން މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާފައިވަނީ ވަޒީފާގެ ފަންނީ ޤާބިލްކަން، އުފުލަންޖެހޭ މަސްއޫލިއްޔަތުތަކުގެ ބުރަ، އަދި މަސައްކަތުގެ މާހައުލު ފަދަ ކަންކަމަށް ރިއާޔަތްކޮށްގެން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. މީގެ ތެރޭގައި، ވަޒީފާގައި ހިމެނޭ ނުރައްކަލަށް (ރިސްކް) ވެސް ބަލާނެއެވެ. އެހެންކަމުން، ކުރިން ދެމުން އައި 'ރިސްކް އެލަވަންސް' ގެ ނަމުގައި ވަކި އެލަވަންސެއް ދިނުމުގެ ބަދަލުގައި، އެކަން މުސާރަ އާއި އިނާޔަތްތަކުގެ ތެރެއިން ހަމަޖައްސާފައިވާނެ ކަމަށް އެ މިނިސްޓްރީން މައުލޫމާތު ދެއެވެ.

މި ބަދަލާ އެކު، ސިވިލް ސާވިސްގެ އެއްވެސް މުވައްޒަފެއްގެ އަސާސީ މުސާރަ، ގައުމީ މިނިމަމް ވޭޖަށް ވުރެ ދަށްނުވާނެ ކަމުގެ ޔަގީންކަން މިނިސްޓްރީން ވަނީ ދީފައެވެ. އަދި އާ އޮނިގަނޑަށް ބަދަލުވުމުން މިހާރު ލިބޭ މުސާރަ އާއި އިނާޔަތްތަކުގެ ޖުމްލަ އަދަދު ދަށްވާ މުވައްޒަފުންނަށް، އެ ފަރަގު ހަމަޖެއްސުމުގެ ގޮތުން "މައިގްރޭޝަން އެލަވަންސް" އެއް ދިނުމަށް ވެސް ވަނީ ނިންމައިފައެވެ.

ސިވިލް ސާވިސްގެ ތެރެއިން މުސާރަ އެއްހަމަ ނުކުރެވި ތިބި ހުރިހާ މުވައްޒަފުންނާއި، ޖުޑިޝަރީ އަދި ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ. މިކަން ހަޤިޤަތަކަށް ހެދުމަށްޓަކައި، މިއަހަރުގެ ދައުލަތުގެ ބަޖެޓުގައި 500 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ. މީގެ ކުރިން، ކުރީގެ ސަރުކާރުން ވަނީ ޓީޗަރުންނާއި ޞިއްޙީ ދާއިރާގެ މުވައްޒަފުން ފަދަ ބައެއް ދާއިރާތަކުގެ މުސާރަ ބޮޑުކޮށްފައެވެ.

މުސާރައަށް ގެނައި މި ބަދަލުތަކުގެ ފުރިހަމަ ތަފްސީލު މާދަމާ އާންމުކުރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.