އެއްވެސް ސަރުކާރަކުން ހައްލުނުކޮށްދިން ރޭސިން މައްސަލައަށް ދާއިމީ ހައްލެއް ރައީސް ޑރ މުއިއްޒު ގެންނަވާކަމީ އެ ޒުވާނުންނަށް ލިބުނު ތަސައްލީއެއް: ނަރީޝް
އެތައް ޒަމާނެއް ވަންދެން އެއްވެސް ސަރުކާރަކުން ހައްލުކޮށްދެވިފައިނުވާ ރޭސިން ޓްރެކުގެ މައްސަލައަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދާއިމީ ހައްލެއް ގެންނަވާފައިވާ ކަމަށާއި، އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ރޭސިން ޓްރެކެއް އެޅުމަށް ފައިސާ ހިމެނުމަކީ ރޭސިންގގައި ހަރަކާތްތެރިވާ ޒުވާނުންނަށް ލިބުނު ވަރަށް ބޮޑު ތަސައްލީއެއް ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރުގެ އެޑްވައިޒަރ، އަޙްމަދު ނަރީޝް ވިދާޅުވެއްޖެއެވެ.
ނަރީޝް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ރޭސިން ދާއިރާގައި ހަރަކާތްތެރިވާ އެތައް ޒުވާނުން އެތައް ޒަމާނެއް ވަންދެން، އެތައް ސަރުކާރެއްގައި ދަންނަވައިގެންވެސް ހައްލު ނުލިބި އޮތް މައްސަލައެއް ކަމަށެވެ.
"ދާއިމީ ހައްލެއް ހޯއްދަވައި ދެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާ ބަޖެޓްގައި މި މަޝްރޫޢު ހިމެނިގެން ދިޔުމަކީ ރޭސިންގގައި ހަރަކާތްތެރިވާ ހުރިހާ ޒުވާނުންނަށް ލިބިގެންދާނެ ވަރަށްވެސް ބޮޑު ތަސައްލީއަކާއި ހިތްހަމަޖެހުމެއް!" ނަރީޝްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ. އޭނާ ވަނީ ރައީސް ޑރ. މުޢިއްޒުއަށް ޝުކުރު އަދާކުރައްވާފައެވެ.
Ads by BMLއަންނަ 2026 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ރޭސިން ޓްރެކްތައް އެޅުމަށް 2.4 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ. ކުޅިވަރާއި މުނިފޫހިފިލުވުމުގެ ޕްރޮގްރާމުތަކަށް ޖުމްލަ 403 މިލިއަން ރުފިޔާ ހިމަނާފައިވާއިރު، އޭގެ ތެރޭގައި ފުޓްބޯޅަ ދަނޑުތަކަށް 75 މިލިއަން ރުފިޔާ، އަދި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އެޅުމަށް 90 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.
މިދިޔަ އޮގަސްޓު މަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މާލެ ސަރަހައްދުގައި ރޭސިން ޓްރެކެއް އެޅުމުގެ މަސައްކަތް ކުރިއަށްދާކަން ހާމަކުރައްވާފައެވެ.
މީގެ އިތުރުން، ރޭސިން އަދި ޑްރިފްޓް ސްޕޯޓްސް އެރީނާއެއް ތަރައްގީ ކުރުމަށް ކުޅިވަރާ ބެހޭ މިނިސްޓްރީއާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ދެމެދު މިދިޔަ އަހަރުގެ އޭޕްރީލް މަހު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.
އެޗްޑީސީން އޭރު ބުނީ މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ މޮޓޯ ސްޕޯޓްސްއަށް އެކަށޭނެ ރައްކާތެރި މާޙައުލެއް ޤާއިމުކޮށްދީ، މިކަމަށް ޝައުޤުވެރިކަން ހުންނަ ޒުވާނުންނަށް ރައްކާތެރިކަމާއެކު އެ ހަރަކާތްތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.
Ads by MACL
