ސަރުކާރުން މުހިންމު ތިން ސިޔާސަތެއް ތަންފީޒުކުރަން ފަށައި، ރައީސް ޝުކުރު އަދާކުރައްވައިފި
ސަރުކާރުން މިއަދުން ފެށިގެން މުހިންމު ތިން ސިޔާސަތެއް ތަންފީޒުކުރަން ފަށާފައިވާއިރު، އެކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އެކަންކަން ހަގީގަތަކަށް ހެދުމަށް އެހީތެރިވި ފަރާތްތަކަށް ޝުކުރު އަދާކުރައްވައި، އޭގެ މަންފާ ލިބޭ ރައްޔިތުންނަށް މަރުޙަބާ ވިދާޅުވެފަ އެވެ.
މިއަދު ތަންފީޒުކުރަން ފެށި ތިން ކަމަކީ، ދުންފަތުގެ "ޖެނެރޭޝަނަލް ބޭން" އާއި، ސިވިލް ސާވިސް އަދި ޖުޑީޝަރީގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމުގެ އިތުރުން، ހާއްސަ އުސޫލެއްގެ ދަށުން ކަށިމިޔަރުގެ މަސްވެރިކަމަށް އަލުން ހުއްދަ ދިނުމެވެ.
ދުންފަތުން އަންނަން އޮތް ޖީލުތައް ސަލާމަތްކުރުމަށް
Ads by BMLސިއްހަތަށް ގެއްލުންހުރި ދުންފަތުގެ ވަބާއިން ދިވެހި ޒުވާން ޖީލުތައް ސަލާމަތްކުރުމަށް އެޅި ތާރީޚީ ފިޔަވަޅެއް ކަމަށްވާ "ޖެނެރޭޝަނަލް ބޭން" އަށް މިއަދުން ފެށިގެން ވަނީ އަމަލުކުރަން ފަށައިފަ އެވެ. ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް މިދިޔަ މެއި މަހު ގެނައި އިސްލާހުގެ ދަށުން، 2007 ވަނަ އަހަރު އުފަންވި އަދި އެއަށް ފަހު އުފަންވާ އެއްވެސް ދިވެއްސަކަށް ދުންފަތުގެ އެއްވެސް ބާވަތެއް ވިއްކުމަކީ މަނާ ކަމެކެވެ. މީގެ އިތުރުން، މިދިޔަ އަހަރުގެ ފަހުކޮޅު ގާނޫނަށް ގެނައި އެހެން ބަދަލަކުން ވަނީ ދުންފަތް ވިއްކޭ އެންމެ ހަގު އުމުރު 18 އަހަރުން 21 އަހަރަށް މަތިކޮށްފަ އެވެ.
ދައުލަތުގެ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް
ސަރުކާރުން ތަންފީޒުކުރި ދެވަނަ މުހިންމު ކަމަކީ ކައުންސިލުތަކުގެ މުވައްޒަފުންނާއެކު ސިވިލް ސާވިސް އަދި ޖުޑީޝަރީގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަ، ޕޭ ހާމަނައިޒޭޝަންގެ ދަށުން ބޮޑުކުރުމެވެ. މި ބަދަލާ އެކު އަށް ދާއިރާއެއްގެ މުވައްޒަފުންގެ މުސާރައަށް އިތުރުވި އަދަދުތައް މި މަހުގެ މުސާރައާއެކު ލިބިގެންދާނެ އެވެ. ފިނޭންސް މިނިސްޓްރީން ބުނީ މުސާރައިގެ އޮނިގަނޑު އެކުލަވާލާފައިވަނީ މުވައްޒަފުންގެ ފަންނީ ޤާބިލު، މަސައްކަތުގެ ބުރަ، އަދި މަސައްކަތްކުރާ މާހައުލު ފަދަ ކަންކަމަށް ރިއާޔަތްކޮށް ކަމަށެވެ.
ކަށިމިޔަރުގެ މަސްވެރިކަން ހަރުދަނާ އުސޫލަކުން
މިއަދު ތަންފީޒުކުރަން ފެށި ތިންވަނަ ކަމަކީ، 2010 ވަނަ އަހަރުން ފެށިގެން މަނާކޮށްފައި އޮތް މިޔަރުގެ މަސްވެރިކަމުގެ ތެރެއިން، ހަމައެކަނި ކަށިމިޔަރު ބޭނުމަށް ހަރުދަނާ މެނޭޖްމަންޓް ޕްލޭނެއްގެ ދަށުން އަލުން ހުއްދަ ދިނުމެވެ. "ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާއްމު ގަވައިދު" އަށް ގެނައި އިސްލާހާ އެކު، ކަށިމިޔަރު ފިޔަވައި އެހެނިހެން މިޔަރުގެ ބާވަތްތައް ބޭނުންކުރުން އޮންނާނީ ކުރީގެ އުސޫލުން މަނާކޮށެވެ.
ފިޝަރީޒް މިނިސްޓްރީން އާންމުކޮށްފައިވާ ޕްލޭންގައިވާ ގޮތުން، ކަށިމިޔަރުގެ މަސްވެރިކަން ކުރެވޭނީ ހާއްސަ ލައިސަންސެއް ނަގައިގެންނެވެ. މި ލައިސަންސް ދޫކުރުމަށް ހަމަޖެހިފައިވަނީ އެންމެ ގިނަވެގެން 40 އުޅަނދަށް، އެދި ހުށަހަޅާ ތަރުތީބުންނެވެ. މިކަމަށް ހުއްދަ ދިނުމާ ދެކޮޅަށް ރާއްޖެ އާއި ބޭރުގެ ތިމާވެށީގެ ޖަމިއްޔާތަކުން އަޑުއުފުލާފައިވާކަން ފާހަގަކޮށްލެވެ އެވެ.
Ads by MACL
