ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އިންޑިއާގެ ގައުމީ އެއާލައިން، އެއާ އިންޑިއާއަށް ވީއައިއޭ ގެ އައު ޓާމިނަލުން ޚިދުމަތް ދޭން ފަށައިފި

އިންޑިއާގެ ގައުމީ އެއާލައިން، އެއާ އިންޑިއާއަށް ވީއައިއޭ ގެ އައު ޓާމިނަލުން ޚިދުމަތް ދޭންފެށުން --- ފޮޓޯ: އެމްޢެސީއެލް
އިންޑިއާގެ ގައުމީ އެއާލައިން، އެއާ އިންޑިއާއަށް ވީއައިއޭ ގެ އައު ޓާމިނަލުން ޚިދުމަތް ދޭންފެށުން --- ފޮޓޯ: އެމްޢެސީއެލް

އިންޑިއާގެ ގައުމީ އެއާލައިން، އެއާ އިންޑިއާއަށް ވެސް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ އައު ފަސިންޖަރު ޓާމިނަލުން ޚިދުމަތް ދޭން ފަށައިފިއެވެ. މިއާއެކު، އައު ޓާމިނަލުން ޚިދުމަތްދޭ 18 ވަނަ އެއާލައިނަށް އެއާ އިންޑިއާ ވެގެން ގޮސްފައިވާއިރު، މިކަން ފާހަގަކުރުމަށް މިއަދު ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.

އައު ޓާމިނަލުގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އިންޑިއާގެ ސަފީރު، ޖީ. ބާލަސުބްރަމާނިއަންއެވެ. މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ އިސްވެރިންނާއި އެއާ އިންޑިއާގެ އެއާޕޯޓް މެނޭޖަރު، ޖައިންދަރް ސިންގް ރަނާ ބައިވެރިވެވަޑައިގެންނެވިއެވެ.

މި ހަރަކާތުގެ ތެރެއިން، އައު ޓާމިނަލުގައި އެއާ އިންޑިއާގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައިދެއްވިއެވެ. އަދި މިއަދު ފުރި ފްލައިޓުގެ 118 ފަސިންޖަރަށް ހަނދާނީ ހަދިޔާ ދީފައިވާއިރު، އެ އެއާލައިނުގެ ފުރަތަމަ ފްލައިޓުން އައު ޓާމިނަލަށް އައި 132 ފަސިންޖަރަށް ވަނީ ދިވެހި ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

އެއާ އިންޑިއާއަކީ 1976 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ރާއްޖެއަށް ދަތުރުތައް ކުރަމުން އަންނަ، ގިނަ ދުވަސްވީ އެއާލައިނެކެވެ. އެމްއޭސީއެލުން ވިދާޅުވީ، އެ ކުންފުނީގެ އަމާޒަކީ ވީއައިއޭއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް ޒަމާނީ، އަދި އެންމެ މަތީ ފެންވަރުގެ ޚިދުމަތެއް ފޯރުކޮށްދިނުން ކަމަށެވެ.