ނޭޝެނަލް ޓޯޗް ރަންއަށް: 9000އާ ގާތްކުރާ އަދަދެއްގެ ބައިވެރިން ދުވެ ބޮޑުތަރުޙީބެއް!
ރާއްޖޭގައި ދުންފަތާދުރު ޞިއްޙަތު ރަނގަޅު ޖީލެއް ބިނާކުރުމުގެ ވަރުގަދަ އަޒުމާއެކު، "ނޭޝެނަލް ޓޯޗް ރަން" ގެ ނަމުގައި ކުރިއަށްގެންދިޔަ ޚާއްސަ ދުވުން، 8959 ފަރާތެއްގެ ބޮޑު ތަރުޙީބަކާއެކު ނިންމާލައިފިއެވެ. މިއީ ދުންފަތުގެ ނުރައްކަލުން މުޖުތަމަޢު ސަލާމަތްކުރުމަށް އޮތް ބާރާއި އެއްބައިވަންތަކަން ދައްކުވައިދިން ޤައުމީ ހަރަކާތެކެވެ.
މި ދުވުމަކީ ރާއްޖޭގައި މިއަދުން ފެށިގެން ތަންފީޒުކުރަން ފެށި "ޖެނެރޭޝަނަލް ބޭން އޮން ޓޮބޭކޯ" ސިޔާސަތާ ގުޅުވައިގެން ބޭއްވި ހަރަކާތެކެވެ. މި ސިޔާސަތުގެ ދަށުން، ވަކި ތާރީޚަކަށްފަހު އުފަންވާ ކުދިންނަށް ދުވަހަކުވެސް ދުންފަތުގެ ބާވަތްތައް ވިއްކުން މަނާކޮށް، ދުންފަތުގެ ވަބާއިން އަންނަން އޮތް ޖީލުތައް ސަލާމަތްކުރުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.
މާލޭގެ އެކުވެނި ޓްރެކުގައި އިއްޔެ ހަވީރު 4:00 އިން ފެށިގެން މިއަދުގެ ހަވީރު 4:00 އާ ހަމައަށް، 24 ގަޑިއިރު ވަންދެން މެދުކެނޑުމެއްނެތި ކުރިއަށްގެންދިޔަ މި ދުވުމުގެ ސަބަބުން ޓްރެކަށް ވަނީ އާ ދިރުމެއް ގެނެސްދީފައެވެ.
Ads by BMLމި ގައުމީ ހަރަކާތަށް ދީފައިވާ ފުރިހަމަ ތާއީދު ދައްކުވައިދެނީ، މި ދުވުމުގައި ބައިވެރިވި ފަރާތްތަކުގެ ތަފާތުކަމުންނެވެ. އެގޮތުން، ސަރުކާރުގެ ވަޒީރުންނާއި، ކުޅިވަރުގެ އެކި ދާއިރާތަކުގެ އެތުލީޓުން، ކްލަބްތަކާއި އެސޯސިއޭޝަންތައް، އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނާއި އާންމުންގެ ގިނަ ބަޔަކު ވަނީ މި ދުވުމުގައި ޝަރަފުވެރިކަމާއެކު ބައިވެރިވެފައެވެ.
މިއީ ޞިއްޙީ ވުޒާރާއިން އިސްނަގައި، ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔުއެޗްއޯ) އަދި ސަރުކާރުގެ އެކި އިދާރާތަކާއި ކުންފުނިތަކުގެ ގުޅިފައިވާ މަސައްކަތުން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.
ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިގެން ކުރިއަށްގެންދިޔަ މި ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ، ދުންފަތުގެ ނުރައްކާތެރިކަމާ މެދު އާންމުން ހޭލުންތެރިކޮށް، ދުންފަތާ ދެކޮޅަށް މަސައްކަތްކުރުމަށް މުޖުތަމަޢަށް ހިތްވަރުދީ ބާރުއެޅުމެވެ.
Ads by MACL
