އިޤްތިޞާދަށް ދިރުމެއް ގެނައުމުގެ އަމާޒުގައި، ސަރުކާރުގެ މަޝްރޫޢުތައް ޕްރައިވެޓް ކުންފުނިތަކަށް ހަވާލުކުރަނީ
ރާއްޖޭގެ އިޤްތިޞާދަށް ދިރުމެއް ގެނައުމުގެ އަމާޒުގައި، އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ޕްރައިވެޓް ކުންފުނިތަކާ ސަރުކާރުގެ ގިނަ ޢަދަދެއްގެ މަޝްރޫޢުތައް ހަވާލުކުރެއްވުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާން ކުރައްވައިފިއެވެ. މިކަން އެމަނިކުފާނު ހާމަކުރެއްވީ، ދާދިފަހުން ހައްދުންމަތީގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި ގަމު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ނިންމުމުގެ މައިގަނޑު މަޤްޞަދަކީ ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތްކުރާ ކުންފުނިތަކަށް ފުރުޞަތުތައް ހުޅުވާލައި، އެ ކުންފުނިތަކަށާއި އެތައް ދިވެހި ޢާއިލާއަކަށް މާލީ ތަނަވަސްކަން ހޯދައިދިނުންކަމަށް ރައީސް ވިދާޅުވިއެވެ. މިއީ އިޤްތިޞާދީ ހަރަކާތްތައް އިތުރުކޮށް، ޤައުމީ ތަރައްޤީއަށް ބާރުއެޅުމަށް ސަރުކާރުން އަޅުއްވާ މުހިންމު ފިޔަވަޅެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ ރާއްޖޭގެ ދެވަނަ ނުވަތަ ތިންވަނަ އަށް އެންމެ ބޮޑު ސިނާޢަތްކަމަށްވާ ކޮންސްޓްރަކްޝަން އިންޑަސްޓްރީ ކުރިއެރުވުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ، ކުރިއަށް އޮތް ދިހަވަރަކަށް ދުވަހުގެ ތެރޭގައި ސަރުކާރުގެ އެކި މަޝްރޫޢުތައް އަމިއްލަ ކުންފުނިތަކާ ހަވާލުކުރަން ފައްޓަވާނެ ކަމަށެވެ. މި މަޝްރޫޢުތަކުގެ ތެރޭގައި ސްކޫލް، ހެލްތު ސެންޓަރ، ކުޅިވަރުގެ އިމާރާތްތަކާއި މިސްކިތްތައް އެޅުންފަދަ، އެމަނިކުފާނު ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދުމުގެ މަސައްކަތްތައް ހިމެނޭނެއެވެ. މިކަން ހަވާލުކުރެވޭނީ ކުދި، މެދު ފަންތީގެ އަދި ބޮޑެތި ކުންފުނިތަކަށްވެސް ކަމަށް ރައީސް ވިދާޅުވިއެވެ.
Ads by BMLމި މަޝްރޫޢުތައް ހަވާލުކުރާނީ ހަމައެކަނި ދައުލަތުގެ ކުންފުނިތަކަށް (އެސްއޯއީ) ނޫންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ހުރިހާ ކަމެއްވެސް ކުރިއަށް ގެންދަވާނީ ރަނގަޅަށް ރޭވިފައިވާ ތަރުތީބެއްގެ ދަށުން، ޤާނޫނާއި ޤަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އެއިރަކަށް އެންމެ އެކަށީގެންވާ، އަދި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކަށް މަސައްކަތް ހަވާލުކުރާނެ ފަރާތެއް ހޮވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަން އިއުލާންކުރެއްވީ، ކުރީގެ ސަރުކާރުގެ ދުވަސްވަރު ކޮށްފައިވާ މަސައްކަތްތަކަށް ފައިސާ ނުލިބި ތިބި ކުންފުނިތަކަށް ފައިސާ ދޫކުރަމުން އަންނަ ދަނޑިވަޅެއްގައެވެ. މިގޮތުން، 2.3 ބިލިއަން ރުފިޔާގެ އަދަދެއް ކުރިއަށް އޮތް ދިހަ ދުވަހުގެ ތެރޭގައި ދޫކޮށް ނިންމާނެކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. މި ފައިސާ ލިބުމުން ގިނަ ކުންފުނިތަކަކަށް ހިންދަމާލުމެއް ލިބި، އިޤްތިޞާދަށް އިތުރު ހެޔޮ އަސަރެއް ކުރާނެކަމަށް ބެލެވެއެވެ.
Ads by MACL
