ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ފުލުހަކު، ކަސްޓޯޑިއަލްއަށް މަސްތުވާތަކެތި ވައްދައިގެން ދައުވާ އުފުލައިފި

ފުލުހަކު، ކަސްޓޯޑިއަލްއަށް މަސްތުވާތަކެތި ވައްދައިގެން ދައުވާ އުފުލައިފި

އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ފުލުހުންގެ ބެލުމުގެ ދަށުގައި ބަންދުކޮށްފައި ތިބޭ މީހުންނަށް ދިނުމަށް، ކަސްޓޯޑިއަލްއަށް މަސްތުވާތަކެތި ވައްދަން އުޅުނު ފުލުހެއްގެ މައްސަލަ ތަހުގީގުކޮށް، ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މި ޤާނޫނާ ޚިލާފު އަމަލު ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 25 އަހަރުގެ ޕޮލިސް ކޮންސްޓަބަލް މުޙައްމަދު ނައުފް ނަސީމެވެ. އޭނާއަކީ ސ. ހިތަދޫ، ފުނަގެއަށް ނިސްބަތްވާ މީހެކެވެ.

ފުލުހުން ބުނީ، މިދިޔަ ސެޕްޓެމްބަރު މަހުގެ 4 ވަނަ ދުވަހު، ނައުފް ކަސްޓޯޑިއަލްއަށް މަނާތަކެތި ވައްދަން އުޅޭކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި އޭނާ ހިފަހައްޓައި ބަލައިފާސްކުރި ކަމަށެވެ. އެ ފާސްކުރުމުގެ ތެރެއިން، އޭނާގެ އަތުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން ނައުފް ހައްޔަރުކޮށް، ކޯޓުން 15 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހާފައިވެއެވެ. ނަމަވެސް އެ މުއްދަތު ހަމަވުމުން އޭނާ ވަނީ ދޫކޮށްލާފައެވެ. ފުލުހުން ބުނި ގޮތުގައި، މައްސަލައިގެ ތަހުގީގު މިހާރު ނިމި، ދައުވާ ކުރުމަށްޓަކައި މިދިޔަ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހު ޕީޖީ އޮފީހަށް ފޮނުވާފައިވާ އިރު، ނައުފް ވަނީ މުސާރަ ނުލިބޭ ގޮތަށް ވަޒީފާއިން ސަސްޕެންޑްކޮށްފައެވެ.