ޒާތީނުވެ ސިޔާސީ ވެވިދާނެ، ތިޔަ ސެޓު ކުރެވެނީ ވަރަށް ނުބައި ޓްރެންޑެއް: ޝައްމާން
ޒާތީނުވެ ސިޔާސީ ވެވިދާނެ ކަމަށާއި މިހާރު ސެޓު ކުރަން އުޅެނީ ވަރަށް ނުބައި ޓްރެންޑެއް ކަމަށް ކޮންޓްރޯލަރ އޮފް އިމިގްރޭޝަން މުހައްމަދު ޝައްމާން ވަހީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީން މުޒާހަރާގެ ނަމުގައި ކުރިއަށް ދިޔަ މަގުމަތީ ހަރަކާތެއްގައި މަޖިލިސް މެމްބަރ މީކާއިލްގެ މަންމަ ވަނީ ފަސްޓް ލޭޑީ މެޑަމް ސާޖިދާއާއި ބެހޭގޮތުން ސާބިތު ނުހިފޭ ދޮގު ވާހަކަތަކެއް ދައްކާފައެވެ. އަދި މިކަމާއި ދެކޮޅަށް ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ.
ޝައްމާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިހާރު ސެޓު ކުރެވެމުންދަނީ ނުބައި ޓްރެންޑެއް ކަމަށެވެ. އަދި އަންހެން ކަނބަލުންގެ ކަރާމާތް ގެއްލުވައި ނުލައި ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދެވިދާނެ ކަމަށެވެ. އަދި ތަހުޒީބު ވާންވީ ފިކުރާއި ވިސްނުން ކަމަށެވެ.
ޒާތީ ނުވެ ސިޔާސީ ވެވިދާނެ. ހާއްސަކޮށް ސިޔާސީ ބޭނުމަށް ސިޔާސީ މައިދާނުގައި އެއްގޮތަކަށްވެސް ނޫޅޭ ކުޑަ ކުދިންނާއި އަންހެން ކަނބަލުންގެ ކަރާމާތް ގެއްލުވާ ނުލައްވާ. ތިޔަ ސެޓް ކުރެވެނީ ވަރަށް ނުބައި ޓްރެންޑެއް އަދި ދައްކުވައި ދެވެނީ ވަރަށް ގޯސް މިސާލެއް. ތަހުޒީބު ވާންވީ ފިކުރާއި ވިސްނުން.
މަންދީ އަކީ މަޖިލީސް މެންބަރު މީކާއީލް ނަސީމްގެ މަންމަ އެވެ.
ރޭ އޮތް އެމްޑީޕީގެ މަގުމަތީ އިހުތިޖާޖުގައި ވާހަކަ ދައްކަމުން އޭނާ ވަނީ ދިވެހި ޒުވާނުންގެ ހައްގުގައި ކަމަށް ބުނެ ރައީސްގެ ދަރިކަލުންނާއި ގުޅޭގޮތުން ދޮގު ވާހަކަތަކެއް ދައްކާފަ އެވެ. އޭނާ ބުނީ ދިވެހި ޒުވާނުންނަށް "ބިޑި އޮޅަން ޖެއްސީ" ރައީސްގެ ދަރިކަލުން ވޭޕު ކުރަން ފެށުމުން އެކަން ހުއްޓުވަން ކަމަށެވެ. އަދި "އަމިއްލަ ދަރިފުޅު ފުރަތަމަ ބަލަންވީނޫހޭ" ކިޔާ އަޑުގަދަކޮށްފައިވެ އެވެ.
ސިޔާސީ ވެގެން ގޮސް ކުޑަކުދީންނާއި ގުޅޭގޮތުން ދޮގު ވާހަކަތައް ފަތުރާ ހިސާބަށް ކަންކަން ގެންދިއުމުން ވަރަށް ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި މަންދީއަށް ފާޑުކިޔަމުންނެވެ. ސިޔާސީ ވިޔަސް މީހުންގެ އަނބިދަރީންނާއި ނުބެހި ވާހަކަ ދެއްކޭނެ ކަމަށާ އެފަދަ މީހުންނަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ.
Ads by MACL
