ހުރާ ކައުންސިލް ކަޕް 2025: ބިއުޓީސް އަދި ފޯޓީޓޫ ގާލްސް މެޗު އެއްވަރުވި އިރު ވޯރިއާސް ކުޅުނު ދެވަނަ މެޗުވެސް ކާމިޔާބުކޮށްފި
aމާލެ އަތޮޅު ހުރާ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ހުރާ ކައުންސިލް ކަޕް 2025 ގެ 07 ވަނަ މެޗުގައި އަންހެން ޑިވިޝަންގެ ބިއުޓީސް އަދި ފޯޓީޓޫ ގާލްސް މެޗު އެއްވަރުވިއިރު ވޯރިއާސް ކުޅުނު ދެވަނަ މެޗުވެސް ކާމިޔާބުކޮށްފިއެވެ.
ހުރާ ރަސްމީ ފުޓްސަލް ދަނޑުގައި ކުޅުނު އަންހެން ޑިވިޝަންގެ މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. މިއީ ފޯޓީޓޫ ގާލްސް މި މުބާރާތުގައި ކުޅުނު ދެވަނަ މެޗެވެ. އެޓީމްގެ ފުރަތަމަ މެޗުވެސް ވީ އެއްވަރެވެ. ބެލިސިމޯއާއި ވާދަކުރި މެޗުވެސް ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. މިއާއިއެކު އަންހެން ޑިވިޝަންގެ 03 ޓީމަށްވެސް ވަނީ އެއްޕޮއިންޓް ލިބިފައެވެ.
މާދާމާ ބެލިސިމޯ އާއި ބިއުޓީސް ވާދަކުރާ މެޗުން މޮޅުވާ ބަޔަކަށް މިވަގުތައް ލީގުގެ އެއްވަނަ ލިބޭނެ އެވެ. އެހެންނަމަވެސް އަދި ހުރިހާ ޓީމްތަކަށް ލީގު ރޭހުގައި ވާދަ ކުރުމުގެ ފުރުސަތު ނުގެއްލެއެވެ. އަންހެން ޑިވިޝަންގައި ބާކީ އޮންނާނީ ހަތަރު މެޗެވެ.
Ads by BMLރޭ ކުޅުނު މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފޯޓީޓޫ ގާލްސްގެ ފާތުމަދު އިނާޝާ އާދަމް އެވެ. އިނާޝާ ވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކާފައެވެ.
ރޭގެ ކުޅުނު ފިރިހެން ޑިވިޝަންގެ މެޗުގައި ވޯރިއާސް ވަނީ އެޓީމް ކުޅުނު ދެވަނަ މެޗުވެސް ކާމިޔާބުކޮށްފައެވެ. މި މެޗު އެޓީމުން ކާމިޔާބު ކުރީ ބްލަޑް ސްޕޯޓްސް ކުލަބާއި ވާދަކޮށް 4-2 ގެ ނަތީއްޖާއަކުންނެވެ.
ވޯރިއާސް ވަނީ އެޓީމް ކުޅުނު ފުރަތަމަ މެޗުވެސް ކާމިޔާބު ކޮށްފައެވެ. އެ މެޗް ރިވަލްސް އާއި ދެކޮޅަށް ކުޅެ އެޓީމުން ކާމިޔާބު ކުރީ 3-1 ގެ ނަތީއްޖާއަކުންވެ. އަނެއްކޮޅުން ބްލަޑް ސްޕޯޓްސް ކުލަބު ވަނީ އެޓީމް ކުޅުނު ފުރަތަމަ މެޗު ބަދަވީން އަތުން 4-3 އިން ބަލިވެފައެވެ. މި ނަތީއްޖާއާއިއެކު ގުރޫޕް އޭ ގެ އެއްވަނަ ޓީމުގެ ގޮތުގައި 6 ޕޮއިންޓާއިއެކު މިވަގުތު އޮތީ ވޯރިއާސް ފުޓްބޯލް ކުލަބެވެ.
ދެ ޖިންސަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި ޖުމްލަ 13 ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެއީ ފިރިހެން 10 ޓީމާއި އަންހެން 3 ޓީމެވެ.
މުބާރާތުގައި ބައިވެރިވި ފިރިހެން ޓީމްތަކަކީ ޓީމް ޖޯކާސް، އެފްސީ ބަދަވީން، ސިނަމަން ދޮންވެލި އެފްސީ، ވޭރިއަސް އެފްސީ، ބްލޫޒް އެސްސީ، ފޯޓީޓޫ އެކްސެލް، ބްލަޑް ޖޫނިއާރސް، ޓީމް ރިވަލްސް، ތްރީޑީ ސްޕޯޓްސް ކުލަބު، ފޯޓީޓޫ، އަދި ތްރީޑީ ކިންގްސް އެވެ.
އަންހެން ޓީމްތަކަކީ ފޯޓީޓޫ ގާލްސް، ބިއުޓީސް، އަދި ބެލިސިމޯއެވެ.
އަންހެން ޑިވިޝަން އެއްގުރޫޕެއްގައި ހިމެނުނު އިރު ފިރިހެން ޑިވިޝަން ކުރިއަށްދާނީ 2 ގުްރޫޕަކަށް ބަހަލައިގެންނެވެ.
މިއީ މާލެ އަތޮޅުގައި ބާއްވާ އެންމެ އަގުބޮޑު އެއް މުބާރާތެވެ. މި މުބާރާތުގެ ފިރިހެން ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައިވާއިރު ރަނަރަޕް ޓީމަށް ތިރީސް ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށައަޅާފައެވެ.
އަންހެން ޑިވިޝަންގެ ޗެމްޕިއަންޓީމަށް ތިރީސް ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައިވާއިރު، ރަނަރަޕް ޓީމަށް ވަނީ ފަނަރަ ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައެވެ.
Ads by MACL
