ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

"ޖެނެރޭޝަނަލް ބޭން" އާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުން ރާއްޖެއަށް ތަޢުރީފު

"ޖެނެރޭޝަނަލް ބޭން" އާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުން ރާއްޖެއަށް ތަޢުރީފު

ރާއްޖޭގެ އަންނަން އޮތް ޖީލުތައް ދުންފަތުގެ ވަބާއިން ސަލާމަތްކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ތަންފީޒުކުރަން ފެށި "ޖެނެރޭޝަނަލް ބޭން" އާއެކު، ދުނިޔޭގެ އެކި ކަންކޮޅުތަކުން ރާއްޖެއަށް ތަޢުރީފާއި ތަރުޙީބު އަންނަނީ އޮހެމުންނެވެ.

ދުނިޔޭގައި މިފަދަ ފިޔަވަޅެއް އެޅި ފުރަތަމަ ޤައުމުގެ ޝަރަފު ރާއްޖެއަށް ލިބުމާއެކު، ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ ފަދަ ބައިނަލްއަޤްވާމީ އިދާރާތަކުންނާއި ނުފޫޒުގަދަ މީޑިއާތަކުން ދަނީ މި ހަރުދަނާ ސިޔާސަތު ފާހަގަކޮށް، ރާއްޖެއަކީ ނަމޫނާ ޤައުމެއްގެ ގޮތުގައި ސިފަކުރަމުންނެވެ.

މި ހިތްވަރުގަދަ ސިޔާސަތުގެ ދަށުން، 2007 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުގެ ފަހުން އުފަންވެފައިވާ އެއްވެސް ފަރާތަކަށް ދުންފަތުގެ ބާވަތްތައް ބޭނުންކުރުމާއި، އެ ޢުމުރުފުރައިގެ ކުދިންނަށާއި ޢުމުރުން 21 އަހަރުން ދަށުގެ އެއްވެސް މީހަކަށް ދުންފަތް ވިއްކުން ވަނީ މަނާކޮށްފައެވެ. ރައްޔިތުންގެ ޞިއްޙަތާއި ދުޅަހެޔޮކަން އިސްކޮށްގެން އެޅުއްވި މި ފިޔަވަޅު ބައިނަލްއަޤްވާމީ މީޑިއާތަކުން ސިފަކޮށްފައިވަނީ "އަންނަން އޮތް ޖީލުތަކަށްޓަކައި ނިންމި މުހިންމު ނިންމުމެއް"ގެ ގޮތުގައެވެ.

އިންޑިޔާ، ޕާކިސްތާން، ސްރީ ލަންކާ ފަދަ އަވަށްޓެރި ޤައުމުތަކުގެ އިތުރުން، ޔޫރަޕުގެ އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް، ބެލްޖިއަމް އަދި އެމެރިކާގެ ބޮޑެތި މީޑިއާތަކުން ވަނީ މި ޚަބަރު ފުޅާ ދާއިރާއެއްގައި ގެނެސްދީފައެވެ. އެފަރާތްތަކުން ގެނެސްދިން ޚަބަރުތަކުގައި، ރާއްޖޭގެ މި ނިންމުމަކީ ދުންފަތާ ދެކޮޅަށް ހަނގުރާމަ ކުރަމުން އަންނަ އެހެން ޤައުމުތަކަށް ލިބުނު ހިތްވަރެއްކަމަށް ފާހަގަކޮށްފައިވެއެވެ. އަދި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންވެސް މި ޤާނޫނަށް ސަމާލުވުމަށް ބައެއް މީޑިއާތަކުން ވަނީ އިރުޝާދު ދީފައެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު ބައިނަލްއަޤްވާމީ ތަޢުރީފު ލިބުނު ހަމައެކަނި ކަމަކީ މިއެއް ނޫނެވެ. މީގެކުރިން، ފަލަސްތީނުގެ ޙައްޤުގައި ވަކާލާތުކުރެއްވުމާއި، އިސްރާއީލު ޕާސްޕޯޓް މަނާކުރަން ނިންމެވުމާއި، އަދި ވޭޕް މަނާކުރުން ފަދަ ކަންކަމަކީވެސް ދުނިޔޭގެ ސަމާލުކަމަށް އައިސް، ގިނަ ބައެއްގެ ތަރުޙީބު ލިބިގެންދިޔަ ކަންކަމެވެ.

މިކަންކަމުން ރަމްޒުކޮށްދެނީ، ރާއްޖެއަކީ ހަމައެކަނި ފަތުރުވެރިކަމުގެ ރީތި މަންޒިލެއްގެ ގޮތުގައި ނޫންކަމާއި، އޭގެ ބަދަލުގައި ރައްޔިތުންގެ ޙައްޤުގައްޔާއި ދުޅަހެޔޮކަމަށްޓަކައި ހިތްވަރުގަދަ ސިޔާސަތުތައް ތަންފީޒުކުރާ، ބައިނަލްއަޤްވާމީ މަސްރަޙުގައި ފާހަގަކޮށްލެވޭ ޤައުމެއްގެ ގޮތުގައި ބަލައިގަންނަމުން އަންނަ ކަމެވެ.