ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ނޮވެމްބަރު 3 ގެ ޤައުމީ ޤުރުބާނީގެ އަގުވަޒަންކޮށް، ރައީސް މައުމޫނަށް ޝަރަފުގެ އައްޑަނައެއް!

ކުރީގެ ރައީސުލްޖުމްހޫރިއްޔާ، އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ---
ކުރީގެ ރައީސުލްޖުމްހޫރިއްޔާ، އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ---

1988 ނޮވެމްބަރު 3 ވަނަ ދުވަހު ދިވެހި ޤައުމަށް ދިމާވި ޢުދުވާނީ ޙަމަލާގައި ޤައުމަށްޓަކައިވި ޤުރުބާނީގެ އަގުވަޒަންކުރުމުގެ ގޮތުން، އޭރުގެ ރައީސުލްޖުމްހޫރިއްޔާ، އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް ޝަރަފުގެ ޚާއްޞަ އައްޑަނައެއް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ހަމަޖައްސަވައިފިއެވެ.

މީގެ އިތުރުން، އެދުވަހު ޝަހީދުވި ދިވެހި ދަރިންގެ ޢާއިލާތަކަށް ވެސް ހަނދާނީ އައްޑަނައެއް އެރުވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސް އޮފީހުން ވިދާޅުވީ، މި ޝަރަފުގެ އައްޑަނަތައް އެރުވުން އޮންނާނީ މާދަމާ ފާހަގަކުރާ ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ކަމަށެވެ. މި ޖަލްސާ ހެނދުނު 9:00 ގައި ސޯޝަލް ސެންޓަރުގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.

މި ޝަރަފު އެރުވުމުގެ މަޤްޞަދަކީ، ޢުދުވާނީ ޙަމަލާގެ އެ ނާޒުކު ވަގުތުކޮޅުގައި ރައީސް މައުމޫން ކުރެއްވި އިޚްލާޞްތެރި މަސައްކަތްޕުޅުތަކާއި، ޤައުމު ދިފާޢުކުރުމުގައި ޝަހީދުވި ސިފައިންނާއި ޢާންމުންގެ ޚިދުމަތުގެ އަގު ދައުލަތުގެ ފަރާތުން ޤައުމީ ފެންވަރުގައި ފާހަގަކުރުން ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

ނޮވެމްބަރު 3 ގެ ޢުދުވާނީ ޙަމަލާގައި ދިވެހި ޤައުމު ދިފާޢުކުރުމުގެ މަތިވެރި ޖިހާދުގައި ސިފައިންގެ 8 ބޭކަލަކާއި ޢާންމުންގެ 11 މީހަކު ހިމެނޭހެން ޖުމްލަ 19 ދިވެހި ދަރިން ވަނީ ޝަހީދުވެފައެވެ. އެ ޢާއިލާތަކަށް ހަނދާނީ އައްޑަނައެއް އެރުވުމަކީ، އެ ޝަހީދުންގެ ޤުރުބާނީއަށް ދައުލަތުން އަދާކުރާ ޚާއްޞަ ޝުކުރެކެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ޤައުމާ މުޚާޠަބުކުރައްވައި ވާހަކަފުޅު ދެއްކެވުމަށް ހަމަޖެހިފައިވާއިރު، ދިފާޢީ ވަޒީރު އަލްފާޟިލް މުޙައްމަދު ޣައްސާން މައުމޫން ވެސް ވާހަކަފުޅު ދައްކަވާނެއެވެ.