އެއާޕޯޓުން ޑޮލަރު ފޭރުން: ހައްޔަރުކުރި އެންމެން ޝަރީއަތް ނިމެންދެން ބަންދަށް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން (ވީއައިއޭ) ބީއެމްއެލްގެ ލައްކައަކަށް ވުރެ ގިނަ ޑޮލަރު ފޭރުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރި ހަތަރު މީހުން، ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
ފުލުހުން ބުނީ، މި މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންގެ ބަންދަށް ފުރަތަމަ ޖެހި ފަސް ދުވަހުގެ މުއްދަތު ހަމަވުމުން ކޯޓަށް ހާޒިރުކުރުމުން، ތަހުގީގަށް ބޭނުންވާނެ ކަމަށް ފަނޑިޔާރަށް ފެނިވަޑައިގެން އެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ފަތިހު 4:45 އެހާކަންހާއިރުއެވެ. މޫނު ނިވާކޮށްގެން ތިބި ބަޔަކު ޓެކްސީއެއްގައި އެއާޕޯޓަށް ގޮސް، ފައިސާ އަޅާފައިހުރި ސޫޓްކޭސްތައް ފޭރިގަތުމަށްފަހު ލޯންޗެއްގައި ފިލާފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
Ads by BMLމި މައްސަލައިގެ ތަހުގީގަށް ގިނަ ކުރިއެރުންތަކެއް ލިބިފައިވާއިރު، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވަނީ މިކަމުގައި ތުހުމަތުކުރެވޭ ހަތަރު މީހުން ހައްޔަރުކޮށް، އެމީހުން ފިލަން ބޭނުންކުރި ލޯންޗުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަން ހާމަކުރައްވާފައެވެ.
މި ފައިސާއަކީ ފުރާ މީހުންނަށް ފައިސާ މާރުކުރާ ކައުންޓަރަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ގެންދިޔަ ފައިސާކަން ވަނީ ކަށަވަރުވެފައެވެ.
ފޭރިގަތް ފައިސާގެ ތެރޭގައި ލައްކައަކަށް ވުރެ ގިނަ ޑޮލަރުގެ އިތުރުން ޔޫރޯ އާއި އެހެނިހެން ފައިސާވެސް ހިމެނޭކަމަށް މައުލޫމާތު ލިބުނު ނަމަވެސް، ފުލުހުން އަދި ވަގަށްނެގި ފައިސާ ހޯދިފައިވާ ކަމެއް ހާމަކޮށްފައެއް ނުވެއެވެ. އަދި ގެއްލުނު ފައިސާގެ ސީދާ އަދަދުވެސް އިއުލާނެއް ނުކުރެއެވެ.
މި މައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދުކުރި ހަތަރު މީހުންނަކީ:
-
ލ. މާވަށް، ރޭޝަމް، މާޒިން މޫސާ (25އ)
-
މާލެ، މ. ކޯރަސް، އަޙްމަދު ރައިހާން ނަޢީމް (20އ)
-
ކ. ގުރައިދޫ، އަޅިވިލާގެ، އިބްރާހީމް އަނޫފް (24އ)
-
ކ.ގުރައިދޫ، އަޅިވިލާގެ، ޙުސައިން ޝަހުދު (30އ)
Ads by MACL
