ވީއައިއޭގެ އާ ޓާމިނަލުން ޚިދުމަތްދޭ 20 ވަނަ އެއަރލައިނަކަށް ބަންގްލާ އެއަރލައިންސް
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ އާ ޕެސެންޖަރ ޓާމިނަލް، ޓާމިނަލް 1 އިން ޚިދުމަތް ދޭ އެއަރލައިންތަކުގެ ލިސްޓަށް ބަންގްލަދޭޝްގެ ޤައުމީ އެއަރލައިން، ބަންގްލާ އެއަރލައިންސް އިތުރުވެއްޖެއެވެ.
މިއަދުން ފެށިގެން އެ އެއަރލައިންގެ އޮޕަރޭޝަންތައް އާ ޓާމިނަލަށް ބަދަލުކުރުމާއެކު، ޓާމިނަލް 1 އިން ޚިދުމަތް ދެމުން އަންނަ އެއަރލައިންތަކުގެ ޖުމްލަ އަދަދު ވަނީ 20 އަށް އަރާފައެވެ. މިއީ ވީއައިއޭގެ ޚިދުމަތްތައް ފުޅާކޮށް، ދަތުރުވެރިންނަށް ފޯރުކޮށްދޭ ތަޖުރިބާ އިތުރަށް މުއްސަނދިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
މިކަން ފާހަގަކުރުމުގެ ގޮތުން މިއަދު ޓާމިނަލް 1 ގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ބަންގްލާ އެއަރލައިންސްގެ ޗެކިން ކައުންޓަރުތައް ހުޅުވައިދިނުމުގެ އިތުރުން، އެ އެއަރލައިންގެ ފުރަތަމަ ފްލައިޓުން އާ ޓާމިނަލް މެދުވެރިކޮށް ދަތުރުކުރި ފަސިންޖަރުންނަށް ހަނދާނީ ހަދިޔާ އަރުވާފައިވެއެވެ.
Ads by BMLމޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ، އެ ކުންފުނީގެ މައިގަނޑު އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއަރލައިނަކަށް ޒަމާނީ، ފެންވަރު ރަނގަޅު އަދި އެންމެ މަތީ ފަންތީގެ ޚިދުމަތްތަކެއް ފޯރުކޮށްދިނުން ކަމަށެވެ. އަދި ޓާމިނަލް 1 ގައި ޤާއިމްކޮށްފައިވާ ޒަމާނީ ވަސީލަތްތަކުގެ އެހީގައި އެއަރލައިންތަކުގެ އޮޕަރޭޝަންތަކަށް އިތުރު ފަސޭހަތަކެއް ލިބި، ފަސިންޖަރުންގެ އެއަރޕޯޓް ތަޖުރިބާ އިތުރަށް ފުރިހަމަވެގެންދާނެ ކަމަށް އުންމީދުކުރާ ކަމަށްވެސް އެމްއޭސީއެލް އިން ފާހަގަކުރެއެވެ.
Ads by MACL
