ހުރާ ކައުންސިލް ކަޕް 2025: ބަދަވީން އަދި ސިނަމަން ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށްފި
މާލެ އަތޮޅު ހުރާ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ހުރާ ކައުންސިލް ކަޕް 2025 ގައި ބަދަވީން އަދި ސިނަމަން ކުޅުނު ދެމެޗު ވެސް ކާމިޔާބުކޮށްފިއެވެ.
މި މެޗުތަކާއިއެކު މި ދެޓީމް މުބާރާތުގައި ކުޅުނު ދެ މެޗްވެސް ވަނީ ކާމިޔާބުކޮށްފައެވެ. ބަދަވީންގެ ފުރަތަމަ މެޗުގައި ވާދަކުރީ ބްލަޑް ސްޕޯޓްސް ކުލަބާއި ދެކޮޅަށެވެ. މި މެޗް އެޓީމުން ކާމިޔާބު ކުރީ 4-3 ގެ ނަތީއްޖާއަކުންނެވެ. އަދި މިއަދު ތްރީޑީ ކިންގް އާއި ވާދަކޮށް މޮޅުވީ 3-2 ގެ ނަތީއްޖާއަކުންނެވެ. މި ދެމެޗުގައި ވެސް އެޓީމުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މިއަދު ކުޅުނު މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ބަދަވީންގެ ޖާޒީ ނަންބަރު 10 ހަސަން ސޮލާހު އެވެ. ސޮލާހު ވަނީ މިއަދުގެ މެޗުގައި އެޓީމަށް 2 ގޯލު ކާމިޔާކޮށްފައެވެ. މިއަދުގެ މެޗުގައި ޖެހި 2 ގޯލާއިއެކު ސަލާހު ވަނީ މިމުބާރާތުގައި މިހާތަނަށް 4 ގޯލު ކާމިޔާބުކޮށްފައެވެ.
މިރޭގެ ދެވަނަ މެޗުގައި ސިނަމަން އެފްސީން ވަނީ ބްލަޑް ޖޫނިއާރސް އާއި ވާދަކޮށް 2-1 ގެ ނަތީއްޖާއަކުން މެޗު ކާމިޔާބުކޮށްފައެވެ. ސިނަމަން އެފްސީން ވަނީ މުބާރާތުގެ ފުރަތަމަ މެޗުގައި ފޯޓީޓޫއާއި ވާދަކޮށް 4-1 ގެ ނަތީއްޖާއަކުން އެ މެޗު ކާމިޔާބުކޮށްފައެވެ. މި މެޗުގައި ވެސް މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މި މެޗުގައިވެސް މޮޅު ކުޅުމެއް ދެއްކި އެޓީމްގެ ޖާޒީ ނަންބަރު 11 އިސްމާއިލް އިމާދުއެވެ. މިރޭގެ މެޗުގައި ޖެހި ގޯލާއިއެކު މި މުބާރާތުގައި އިމާދު ޖެހި ގޯލުގެ އަދަދު 4 އަކަށް އެރީއެވެ.
Ads by BMLދެ ޖިންސަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި ޖުމްލަ 13 ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެއީ ފިރިހެން 10 ޓީމާއި އަންހެން 3 ޓީމެވެ.
މުބާރާތުގައި ބައިވެރިވި ފިރިހެން ޓީމްތަކަކީ ޓީމް ޖޯކާސް، އެފްސީ ބަދަވީން، ސިނަމަން ދޮންވެލި އެފްސީ، ވޭރިއަސް އެފްސީ، ބްލޫޒް އެސްސީ، ފޯޓީޓޫ އެކްސެލް، ބްލަޑް ޖޫނިއާރސް، ޓީމް ރިވަލްސް، ތްރީޑީ ސްޕޯޓްސް ކުލަބު، ފޯޓީޓޫ، އަދި ތްރީޑީ ކިންގްސް އެވެ.
އަންހެން ޓީމްތަކަކީ ފޯޓީޓޫ ގާލްސް، ބިއުޓީސް، އަދި ބެލިސިމޯއެވެ.
އަންހެން ޑިވިޝަން އެއްގުރޫޕެއްގައި ހިމެނުނު އިރު ފިރިހެން ޑިވިޝަން ކުރިއަށްދާނީ 2 ގުްރޫޕަކަށް ބަހަލައިގެންނެވެ.
މިއީ މާލެ އަތޮޅުގައި ބާއްވާ އެންމެ އަގުބޮޑު އެއް މުބާރާތެވެ. މި މުބާރާތުގެ ފިރިހެން ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައިވާއިރު ރަނަރަޕް ޓީމަށް ތިރީސް ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށައަޅާފައެވެ.
އަންހެން ޑިވިޝަންގެ ޗެމްޕިއަންޓީމަށް ތިރީސް ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައިވާއިރު، ރަނަރަޕް ޓީމަށް ވަނީ ފަނަރަ ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައެވެ.
Ads by MACL
