ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ދިވެހި ސިފައިންގެ ވައިގެ ހިދުމަތުގެ ފުރަތަމަ އެއާ ސްޓޭޝަން ގާއިމުކުރަން ރައީސްގެ ގަރާރަކުން އަންގަވައިފި

ދިވެހި ސިފައިންގެ ވައިގެ ހިދުމަތުގެ ފުރަތަމަ އެއާ ސްޓޭޝަން ގާއިމުކުރަން ރައީސްގެ ގަރާރަކުން އަންގަވައިފި

ރާއްޖޭގެ ވައިގެ ސަރަހައްދާއި ހާއްސަ އިގްތިސާދީ ސަރަހައްދު ރެޔާއި ދުވާލު ދިފާއުކޮށް ބެލެހެއްޓުމަށްޓަކައި، އެމްއެންޑީއެފްގެ އެއާ ކޯ (ވައިގެ ހިދުމަތް) ގެ ފުރަތަމަ އެއާ ސްޓޭޝަން ގާއިމުކޮށް، އޮޕަރޭޝަން ފެށުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ގަރާރެއް ނެރެ އަންގަވައިފި އެވެ. މިކަން ހާމަކުރައްވާފައިވަނީ ރައީސް އޮފީހުންނެވެ.

ގާނޫނުއަސާސީގެ 106 ވަނަ މާއްދާގެ ދަށުން، ސިފައިންގެ ގާނޫނުން ރައީސްއަށް ލިބިވަޑައިގަންނަވާ އެންމެ މަތީވެރިޔާގެ ބާރުގެ ދަށުން ނެރުއްވި މި ގަރާރުގައިވަނީ، ދިވެހިންގެ ދީނާއި މިނިވަންކަމާއި ރާއްޖޭގެ ސިޔާދަތީ ބާރު ނަގަހައްޓައި ދެމެހެއްޓުމަށްޓަކައި ވައިގެ ވަސީލަތްތައް ބޭނުންކޮށްގެން އޮޕަރޭޝަންތައް ހިންގުމަށް މި އެއާ ސްޓޭޝަން ގާއިމުކުރެވޭ ކަމަށެވެ. އަދި ދިވެހި ސިފައިންނަށް މަތިކޮށްފައިވާ ޒިންމާތައް ފުރިހަމައަށް އަދާކުރުމަށްޓަކައި މި ހިދުމަތްތައް ފެށުމަށް ވެސް މި ގަރާރުގައި އަމުރުކުރެވިފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

އެމްއެންޑީއެފްގެ އެއާ ކޯ އުފެއްދެވީ މިދިޔަ އަހަރުގެ މާޗް މަހު ރައީސްގެ ގަރާރަކުންނެވެ. މީގެ ކުރިން ވެސް ދިވެހި ސިފައިންގެ ތެރޭގައި ވައިގެ ސިފައިންގެ ޔުނިޓުތައް ހިންގި ނަމަވެސް، އޭރު އެފަދަ އޮޕަރޭޝަންތަކުގައި ވަރަށް ބޮޑަށް ބަރޯސާވެފައި އޮތީ ބޭރުގެ ގައުމުތަކަށެވެ.

އެއާ ކޯގެ ހިދުމަތް ފެށުމަށްޓަކައި ތުރުކީން ގަނެފައިވާ ތިން އަސްކަރީ ޑްރޯން (ޔޫއޭވީ) މިދިޔަ އަހަރު ރާއްޖެ ގެނެސްފައިވެ އެވެ. އަދި ބަޖެޓް ލިބޭ މިންވަރަކުން އިތުރު ސާމާނު ގެންނާނެ ކަމަށް އެމްއެންޑީއެފުން ކުރިން ބުނެފައިވެ އެވެ.