ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މުސާރައާއި ސްކޮލަރޝިޕްގެ އިތުރުން އިންޝުއަރެންސްގެ ރައްކާތެރިކަން އެތްލީޓުންނަށް އަންނަ އަހަރުން ފެށިގެން ލިބޭނެ: ވަޒީރު ރާފިޢު

މުސާރައާއި ސްކޮލަރޝިޕްގެ އިތުރުން އިންޝުއަރެންސްގެ ރައްކާތެރިކަން އެތްލީޓުންނަށް އަންނަ އަހަރުން ފެށިގެން ލިބޭނެ: ވަޒީރު ރާފިޢު

ޤައުމީ އެތުލީޓުންނަށް މުސާރައާއި ސްކޮލަރޝިޕްގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ އިތުރުން، އަންނަ އަހަރުން ފެށިގެން އިންޝުއަރެންސްގެ ރައްކާތެރިކަންވެސް ލިބިގެންދާނެކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވީ، މިފަދަ ފިޔަވަޅުތަކާއެކު ދިވެހި އެތުލީޓުންނަށް އުޖާލާ މުސްތަގުބަލެއް ފެންނަމުންދާ ކަމަށާއި، ކުޅިވަރުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ބޮޑެތި މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ބަހްރެއިންގައި ކުރިއަށްދިޔަ ތިންވަނަ އޭޝިއަން ޔޫތު ގޭމްސް 2025 ގައި ވާދަކުރި ދިވެހި ޒުވާން އެތުލީޓުންގެ ފެންވަރު ފާހަގަކުރައްވައި، ވަޒީރު ވިދާޅުވީ އެ މުބާރާތުން ފެނިގެންދިޔައީ ރާއްޖޭގެ ކުޅިވަރަށް އޮތް އުޖާލާ މުސްތަގުބަލުގެ ހެއްކެއް ކަމަށެވެ. އެ ކުރިއެރުން އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި، ސަޢުދީ ޢަރަބިއްޔާ އަދި ޗައިނާ ފަދަ ޤައުމުތަކާއެކު ހުނަރު ބަދަލުކުރުމުގެ އެއްބަސްވުންތައް ޤާއިމުކުރެވިފައިވާކަން އޭނާ ހާމަކުރެއްވިއެވެ.

މިގޮތުން، ޗައިނާގެ ފުޖިއާން ޕްރޮވިންސާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން، އަންނަ ނޮވެމްބަރު މަހު ދިވެހި ކުޅުންތެރިންނާއި ކޯޗުންނަށް ތަމްރީނު ފުރުސަތުތައް ލިބިގެންދާނެއެވެ. އަދި ޗައިނާގެ ފަންނީ މާހިރުން ރާއްޖެއަށް އައިސް، ގާތްގަނޑަކަށް 50 އެތުލީޓުންނާއި ކޯޗުން ތަމްރީނުކުރުމުގެ ޕްރޮގުރާމެއްވެސް ހަމަޖެހިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، އެތުލީޓުންނަށް އެހީތެރިވާ ފަސްޓް އެއިޑަރުންގެ ތަޖުރިބާ އިތުރުކުރުމަށް ދާދިފަހުން ޗައިނާގައި ޕްރޮގުރާމެއް ހިންގާފައިވާކަންވެސް އޭނާ ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ "އަރުތަ ޕްރޮގުރާމް" އައު އުޞޫލަކުން އަލުން ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި، މި ޕްރޮގުރާމުގެ ތެރެއިން އެތުލީޓުންނަށް ތަޢުލީމީ ސްކޮލަރޝިޕްގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. "މިކަމުގެ ސަބަބުން އޯ-ލެވެލް ނުވަތަ އޭ-ލެވެލް ހަދާ އަހަރު ކުޅުންތެރިން އަނބުރާ ރާއްޖެ އަންނާކަށް ނުޖެހޭނެ. ކިޔެވުމާއެކު ކުޅުން ކުރިއަށް ގެންދިއުމުގެ ފުރުސަތު އެ ފަހިވަނީ،" ވަޒީރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދާ އެއްގޮތަށް، މިދިޔަ މެއި މަހުން ފެށިގެން ޤައުމީ އެތުލީޓުންގެ މުސާރަ ބޮޑުކޮށްފައިވާކަން ހަނދާންކޮށްދެއްވިއެވެ. އަދި އަންނަ ޖެނުއަރީ މަހުން ފެށިގެން ކުޅުންތެރިންނަށް އިންޝުއަރެންސްގެ ރައްކާތެރިކަން ހަމަޖެހިގެންދާނެކަން އިއުލާންކުރައްވައި، ވަޒީރު ރާފިޢު ވަނީ ދިވެހި ކުޅުންތެރިންނަށް އޮތީ ވަރަށް އުއްމީދީ މުސްތަގުބަލެއްކަމުގެ ޔަޤީންކަން ދެއްވާފައެވެ.