ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އަޅުގަނޑުގެ ނަޒަރުގައި މިފަޚުރުވެރި އައްޑަނައިގެ ޙައްޤުވެރިންނަކީ ހިތްވަރުގަދަ ލޮބުވެތި ދިވެހި ރައްޔިތުން: މައުމޫން

މައުމޫނަށް ޝަރަފްގެ އައްޑަނަ އަރުވަނީ -- ފޮޓޯ: ރައީސް އޮފީސް
މައުމޫނަށް ޝަރަފްގެ އައްޑަނަ އަރުވަނީ -- ފޮޓޯ: ރައީސް އޮފީސް

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ދައުލަތުން އަރުވާ "ނޮވެމްބަރު 3 ގެ ޝަރަފުގެ ޚާއްޞަ އައްޑަނަ" މިއަދު ލިބިވަޑައިގަތުމާ ގުޅިގެން، ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް އެ ޝަރަފު ދިވެހި ރައްޔިތުންނަށް ޙައްޤުކޮށްދެއްވައިފިއެވެ.

އެމަނިކުފާނު ވިދާޅުވީ، އެ ފަޚުރުވެރި އައްޑަނައިގެ ޙަޤީޤީ ޙައްޤުވެރިންނަކީ ހިތްވަރުގަދަ، ލޮބުވެތި ދިވެހި ރައްޔިތުން ކަމަށެވެ.

މި ޝަރަފުގެ އައްޑަނަ މައުމޫނާ ހަވާލުކުރެއްވީ، މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައި ކުރިއަށްދިޔަ ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މިކަމާ ގުޅިގެން މައުމޫން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ރައީސް މުޢިއްޒުއަށް އިޚްލާޞްތެރި ޝުކުރު އަދާކުރައްވާފައެވެ.

ރައީސް އޮފީހުން ހާމަކުރެއްވި ގޮތުގައި، މި ޝަރަފު މައުމޫނަށް އެރުވުމަށް ރައީސް މުޢިއްޒު ނިންމެވީ، ނޮވެމްބަރު ތިނެއްގެ އުދުވާނީ ޙަމަލާގެ ނާޒުކު ވަގުތުގައި، އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން މައުމޫން ކުރެއްވި ތަޢުރީފު ޙައްޤު މަސައްކަތްޕުޅުތަކުގެ އަގު، ދައުލަތުގެ ފަރާތުން ޤައުމީ ފެންވަރެއްގައި ވަޒަންކުރުމުގެ ގޮތުންނެވެ.

https://twitter.com/maumoonagayoom/status/1985292940856774679?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1985292940856774679%7Ctwgr%5E84b3b468e966b8070ae0c1622fddcf9da31b96e8%7Ctwcon%5Es1_&ref_url=https%3A%2F%2Fpublish.twitter.com%2F%3Furl%3Dhttps%3A%2F%2Ftwitter.com%2Fmaumoonagayoom%2Fstatus%2F1985292940856774679

1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ވަނަ ދުވަހަކީ، ދިވެހިންގެ ބަޔަކާ ގުޅިގެން ސްރީ ލަންކާގެ ތަމަޅަ ހަނގުރާމަވެރިންގެ "ޕްލޮޓް" ޖަމާޢަތުން ރާއްޖެއަށް ދިން އުދުވާނީ ޙަމަލާއިން ދިވެހި ޤައުމު ސަލާމަތްވި ދުވަހެވެ. އެ ޙަމަލާގެ މޭސްތިރިންގެ ގޮތުގައި ތިބީ ހ. ހާޖަރާގޭ ޢަބްދުﷲ ލުތުފީ އާއި ސަގަރު އަޙުމަދު ނާޞިރެވެ. މި ޓެރަރިސްޓް ޙަމަލާގައި 8 ސިފައިންނާއި 11 އާންމުން ހިމެނޭ ގޮތަށް ޖުމްލަ 19 ދިވެހިން ޝަހީދުވިއެވެ.

އެ ދުވަހުގެ ފަތިހު ޙަމަލާތައް ފެށުމާއެކު، ރައީސް މައުމޫން ވަނީ ވަރަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ރިޔާސީ ގަނޑުކޮށް، ތީމުގެއިން ނިކުމެވަޑައިގެން ރައްކާތެރި ތަނަކަށް ވަޑައިގެންފައެވެ. އާންމު ރައްޔިތެއްގެ ގެއެއްގައި ހުންނަވައިގެން ސިފައިންގެ އިސްވެރިންނާ ގުޅުއްވައި، ޤައުމު ދިފާޢުކުރުމުގެ މަސައްކަތަށް އެމަނިކުފާނު ލަފާދެއްވަމުން ގެންދެވިއެވެ.

ދިވެހި ސިފައިންގެ ކުޑަ ޢަދަދަށް ބަލާއިރު، އެކަނި މި ޙަމަލާ ދިފާޢުނުކުރެވިދާނެކަން ވިސްނިވަޑައިގެން، ރައީސް މައުމޫން ވަނީ ވަގުތުން ބައިނަލްއަޤްވާމީ އެހީއަށް އެދިވަޑައިގެންފައެވެ. އެމަނިކުފާނުގެ އެދިވަޑައިގަތުމަށް އިޖާބަދީ، އިންޑިއާގެ އޭރުގެ ބޮޑުވަޒީރު ރާޖީވް ގާންދީގެ އަމުރަށް "އޮޕަރޭޝަން ކެކްޓަސް" ގެ ނަމުގައި އިންޑިއާ ސިފައިން ވަނީ އެ ދުވަހު އިރުއޮއްސުނުހާއިރު މާލެއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

އެ ނުރައްކާތެރި ދަނޑިވަޅުގައި ރައީސް މައުމޫން ދެއްކެވި ހަރުދަނާ ލީޑަރޝިޕާއި، ބޭރުގެ އެހީއަށް އެދިވަޑައިގަތުމަށް އަވަހަށް ނިންމެވި ނިންމެވުމަކީ ޤައުމު ބޭރުގެ ބާރެއްގެ ދަށަށް ދިއުމުން ސަލާމަތްވުމަށް އެޅުނު އެންމެ މުހިންމު އެއް ފިޔަވަޅުކަމަށް ގިނަ ބަޔަކު ދެކެއެވެ.