ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޤައުމާއި ދީނުގެ ދިފާޢުގައި ލެއާއި ފުރާނައިން ޤުރުބާންވާން ތައްޔާރު: ސްޓޭޓް މިނިސްޓަރ މުއާޒު

ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ، މުއާޒު ޙަލީމް ---
ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ، މުއާޒު ޙަލީމް ---

ދިވެހި ޤައުމުގެ ސިޔާދަތާއި އިސްލާމްދީނުގެ ދިފާޢުގައި ލެއާއި ފުރާނައިން ޤުރުބާންވުމަށް އެއްވެސް ޖެހިލުމެއްނެތި ނިކުންނަވާނެކަމަށް ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ، މުއާޒު ޙަލީމް ވިދާޅުވެއްޖެއެވެ.

ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މުއާޒު މިހެން ވިދާޅުވީ، 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ދިވެހި ޤައުމަށް ދިން ޢުދުވާނީ ޙަމަލާގެ ހަނދާންތައް އާކުރައްވަމުންނެވެ.

"މާދަމާ މިޤައުމުގެ ސިޔާދަތާއި ދީނުގެ ޙައްޤުގައި ނިކުންނަން ޖެހުނަސް ، އިރާދަކުރެއްވިއްޔާ ލެޔާއި ފުރާނައިން ޤުރުބާންވާން އެއްވެސް ޖެހިލުމެއް ނެތި ނިކުންނާން،" މުއާޒުގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

ނަޞްރުގެ ދުވަހަކީ، 1988 ނޮވެމްބަރު 3 ވަނަ ދުވަހު، ދިވެހިންގެ ބަޔަކާ ގުޅިގެން ސްރީ ލަންކާގެ 'ޕީޕަލްސް ލިބަރޭޝަން އޯގަނައިޒޭޝަން އޮފް ޓެމިލް އީލާމް' (ޕްލޯޓް) ޖަމާޢަތުގެ ހަނގުރާމަވެރިން ދިން ޢުދުވާނީ ޙަމަލާއިން ދިވެހިރާއްޖެ ސަލާމަތްވި ދުވަހެވެ. މި ޙަމަލާގައި ދިވެހި ސިފައިންގެ 8 ބޭކަލަކާއި އާންމުންގެ 11 މީހަކު ހިމެނޭގޮތަށް ޖުމްލަ 19 ދިވެހިން ޝަހީދުވެފައިވެއެވެ.

މުއާޒު ވިދާޅުވީ، އެ ޙަމަލާއަށް 35 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވީނަމަވެސް، ޤައުމަށްޓަކައި ޝަހީދުވި ބަޠަލުންނަށް އަދާކުރެވޭ ޝުކުރުގައި އެއްވެސް ފަނޑުކަމެއް ނެތްކަމަށެވެ.

އޭނާގެ ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ނަޞްރުގެ ދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަކުރައްވާތީ، ދިވެހި ރައްޔިތެއްގެ ޙައިޘިއްޔަތުން އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފައިވެއެވެ.

ޕޯސްޓް ނިންމަވާލައްވަމުން މުއާޒު ވަނީ ޤައުމާއި ދީނަށްޓަކައި ޝަހީދުވެގެންދިޔަ ހުރިހާ ބޭކަލުންގެ ފުރާނަފުޅުތަކަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުޢާކުރައްވާފައެވެ.

މުއާޒު ޙަލީމް ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަޤާމަށް ވަޑައިގެންނެވުމުގެ ކުރިން ފެނަކަ ކޯޕަރޭޝަންގެ ޑިރެކްޓަރެއްގެ މަގާމާއި އަދި ޓޫރިޒަމް މިނިސްޓްރީގެ ކޯޑިނޭޓަރެއްގެ ގޮތުގައިވެސް ޚިދުމަތް ކުރައްވާފައިވެއެވެ.