ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މެދުކެނޑުމަކަށްފަހު މޯލްޑިވިއަން އަލުން ޑާކާއަށް، އޮޕަރޭޝަންތައް ފުޅާކުރަނީ

މެދުކެނޑުމަކަށްފަހު މޯލްޑިވިއަން އަލުން ޑާކާއަށް، އޮޕަރޭޝަންތައް ފުޅާކުރަނީ

ގައުމީ އެއަރލައިން، މޯލްޑިވިއަން، ގާތްގަނޑަކަށް އެއް އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެއެވެ.

މިކަމުގެ އަމަލީ މަސައްކަތްތައް ފަށާފައިވާއިރު، އެ ގައުމުގައި އެއަރލައިންގެ އޮޕަރޭޝަންތައް ހިންގުމަށް ޖެނެރަލް ޕެސެންޖަރ ސޭލްސް އެޖެންޓެއް (GPSA) ހޯދުމަށް ވަނީ އިއުލާންކޮށްފައެވެ.

މޯލްޑިވިއަނުން ނެރުނު އިއުލާނެއްގައި ބުނެފައިވާ ގޮތުން، ބަންގްލަދޭޝްގައި އެކުންފުނި ތަމްސީލުކޮށް، ޓިކެޓް ވިއްކުމާއި މާކެޓިންގެ ކަންކަން ކުރާނެ އެޖެންޓަކަށް ވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. މި މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 6 ވަނަ ދުވަހުގެ ކުރިން އެޕްލިކޭޝަން ހުށަހެޅުމަށް އެ އެއަރލައިނުން އެދެއެވެ.

ބަންގްލަދޭޝަށް މޯލްޑިވިއަނުން ކުރިންވެސް ގަވާއިދުން ދަތުރުތައް ބާއްވާފައިވެއެވެ. ނަމަވެސް، މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި އެގައުމުގެ ސިޔާސީ މަސްރަހު ގޯސްވުމުގެ ސަބަބުން، ހަފްތާއަކު އެއްފަހަރު ޑާކާއަށް ކުރަމުން އައި ދަތުރުތައް ވަގުތީގޮތުން ހުއްޓާލަން ނިންމީއެވެ.

ޑާކާގެ ދަތުރުތައް އަލުން ފެށުމުން މިއީ މޯލްޑިވިއަންގެ ބައިނަލްއަގުވާމީ ތިންވަނަ ސެކްޓަރއަށް ވެގެންދާނެއެވެ. މިވަގުތު އެ އެއަރލައިނުން ދަނީ އަވައްޓެރި އިންޑިއާ އާއި ޗައިނާގެ ޖުމްލަ ފަސް މަންޒިލަކަށް ދަތުރުތައް ބާއްވަމުންނެވެ. މީގެ އިތުރުން، ޗުއްޓީތަކާއި ދިމާކޮށް ޚާއްސަ މަންޒިލްތަކަށް ސީޒަނަލް ދަތުރުތައްވެސް މޯލްޑިވިއަނުން އިންތިޒާމު ކުރެއެވެ.