ރައީސް ޑރ. މުޢިއްޒު ދެކުނުގެ ދެ ސިޓީއަށް ކުރައްވާ ދަތުރުފުޅެއްގައި ފުރާވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ރާއްޖޭގެ ދެކުނުގައިވާ ދެ ސިޓީ ކަމަށްވާ ފުވައްމުލަކާއި އައްޑުއަށް ކުރައްވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި މިއަދު މެންދުރުފަހު ފުރާވަޑައިގެންފިއެވެ.
މި ދަތުރުފުޅަކީ، އެ ދެ ސިޓީގެ ރައްޔިތުންގެ ޙާލުއަހުވާލު ބައްލަވައި، ތަރައްޤީގެ ކަންކަމުގައި ކައުންސިލުތަކާ މަޝްވަރާ ކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ، ފުވައްމުލަކާއި އައްޑޫ ސިޓީ ކައުންސިލްގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ. މި ބައްދަލުވުންތަކުގައި، ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާއި، ސިޓީތަކުގެ ތަރައްޤީއަށް ކުރިއަށް ރާވާފައިވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ.
Ads by BMLއެމަނިކުފާނުގެ މި ދަތުރުފުޅުގައި ފުވައްމުލަކު ސިޓީގެ އިތުރުން، އައްޑޫ ސިޓީގެ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫ، ހުޅުދޫ އަދި މީދޫއަށް ވަޑައިގެން، ރައްޔިތުންނާ ބައްދަލުކުރައްވާނެއެވެ.
މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ، ރާއްޖޭގެ ހުރިހާ އަތޮޅަކާއި ސިޓީއަކަށް ޒިޔާރަތްކުރައްވައި، ކައުންސިލުތަކާ ގާތުން މަސައްކަތްކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ބައެކެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ސަރުކާރުގެ ބައެއް އިދާރާތަކުގެ އިސްވެރިން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
Ads by MACL
