އެޖެންޓަކާ ނުލައި އަމިއްލައަށް އުމްރާއަށް، "ނުސުކް" ޕްލެޓްފޯމް ރަސްމީކޮށް ފަށައިފި
ސައުދީ ސަރުކާރުން އުމްރާގެ އަޅުކަމަށް ދާން ބޭނުންވާ މީހުންނަށް، އެޖެންޓެއްގެ އެހީއާ ނުލައި އަމިއްލައަށް ހުރިހާ ކަމެއް އިންތިޒާމުކުރެވޭނެ އޮންލައިން ޕްލެޓްފޯމެއް ރަސްމީކޮށް ތައާރަފުކޮށްފިއެވެ.
"ނުސުކް އުމްރާ" ގެ ނަމުގައި ފަށާފައިވާ މި ހިދުމަތުގެ ސަބަބުން، ވިސާ ހޯދުމުން ފެށިގެން ދަތުރުގެ އެންމެހާ ކަންކަން އެއްތަނަކުން ފަސޭހަކަމާއެކު ހަމަޖެއްސުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވިފަ އެވެ.
ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުން، މި އިލެކްޓްރޯނިކް ޕްލެޓްފޯމް މެދުވެރިކޮށް ހުށަހަޅާ ފަރާތްތަކަށް އެއްވެސް އެޖެންޓެއްގެ ދައުރެއް ނެތި ސީދާ އުމްރާގެ ހުއްދަ ލިބިގެންދާނެއެވެ. މިއީ ސައުދީގެ ހައްޖު އަދި އުމްރާ އާ ބެހޭ ވުޒާރާގެ ސީދާ ބެލުމުގެ ދަށުން ހިންގާ ޕްލެޓްފޯމެކެވެ.
Ads by BMLމި އާ އިންތިޒާމުގެ ކުރިން، އަމިއްލައަށް ގްރޫޕަކާ ނުލައި އުމްރާއަށް ދެވުނު ނަމަވެސް، ވިސާ ހޯދުމާއި، ހުރުމާއި، ދަތުރުފަތުރުގެ ކަންކަން ފަދަ މުހިންމު ކަންކަން ހަމަޖައްސަން ޖެހެނީ ސައުދީ ސަރުކާރުން ގަބޫލުކުރާ ހުއްދަ ލިބިފައިވާ އެޖެންޓުން މެދުވެރިކޮށެވެ. ނަމަވެސް "ނުސުކް އުމްރާ" ގެ ހިދުމަތް ތައާރަފުވުމާއެކު އެ ހުރިހާ ހުރަހެއް ނެތިގެން ހިނގައްޖެއެވެ.
މި ޕްލެޓްފޯމް މެދުވެރިކޮށް، ހަރަމްފުޅާ ކައިރި، ފެންވަރު ރަނގަޅު ހޮޓާތަކާއި، އެކި މުއްދަތަށް ފައްތާފައިވާ ޕެކޭޖްތައް ލިބެން ހުންނާނެއެވެ. މީގެ އިތުރުން މައްކާ އާއި މަދީނާގެ ތާރީޚީ އަދި މުގައްދަސް ތަންތަނަށް ޒިޔާރަތްކުރުން ހިމެނޭ ޕެކޭޖްތައް ވެސް އިޚްތިޔާރު ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
އުމްރާ އަދި ހައްޖުގެ ކަންކަން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ފަސޭހަކުރުމަކީ ސައުދީގެ "ވިޝަން 2030" ގެ މުހިންމު ބައެކެވެ. މި އަލަށް ފެށި ހިދުމަތުގެ އިތުރުން، މިދިޔަ މަހު ސައުދީ ސަރުކާރުން ވަނީ ސައްހަ ކޮންމެ ވިސާއެއްގައި އެ ގައުމަށް އެތެރެވާ ފަރާތަކަށް ވެސް "ނުސުކް" ޕްލެޓްފޯމް މެދުވެރިކޮށް އުމްރާ ކުރުމުގެ ހުއްދަ ވަގުތުން ހޯދޭނެ އިންތިޒާމް ވެސް ހަމަޖައްސާފައެވެ.
Ads by MACL
