ހަވަނަ ފަންގިފިލާގެ ވައިގޮޅިން ވެއްޓި ބިދޭސީއަކު މަރުވެއްޖެ
މާލޭގެ މާފަންނު ގެއެއްގެ ހަވަނަ ފަންގިފިލާގައި ހުރި ވައިގޮޅިއަކުން ސިޑިގޮޅީގެ ތެރެއަށް ވެއްޓި، ބިދޭސީއަކު މިއަދު ހަވީރު މަރުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު އިރުއޮއްސި 18:29 ހާއިރު ކަމަށެވެ. ހާދިސާ ހިނގި ތަނަށް ފުލުހުން ގޮސް ބެލިއިރު، އެމީހާ އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށާއި، ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވިދާޅުވިއެވެ.
މި ހިތާމަވެރި ހާދިސާގައި މަރުވެފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ، އުމުރުން 47 އަހަރުގެ ރޮތަން ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
Ads by BMLމި މަރާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ. މާލޭގެ އިމާރާތްތަކުން މީހުން ވެއްޓިގެން މަރުވާ ހާދިސާތައް މީގެ ކުރިން ވެސް ވަނީ ހިނގާފައެވެ.
Ads by MACL
