ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ބީއެމްއެލްއިން ފުވައްމުލަކު ސިޓީގައި ޑޮލަރު އޭޓީއެމް ގާއިމުކޮށްފި

ބީއެމްއެލް އިން ފުވައްމުލަކުގައި ޑޮލަރު އޭޓީއެމްގެ ހިދުމަތް މިއަދު ތައާރަފްކުރަނީ. (ފޮޓޯ/ބީއެމްއެލް)
ބީއެމްއެލް އިން ފުވައްމުލަކުގައި ޑޮލަރު އޭޓީއެމްގެ ހިދުމަތް މިއަދު ތައާރަފްކުރަނީ. (ފޮޓޯ/ބީއެމްއެލް)

ރާއްޖޭގެ އެންމެ ބޮޑު ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން، ފުވައްމުލަކު ސިޓީގައި ޔޫއެސް ޑޮލަރު ނެގޭ އޭޓީއެމްގެ ޚިދުމަތް މިއަދު ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ.

މި ޚިދުމަތަކީ އެ ސިޓީގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ބޭރު ފައިސާ ނެގުމަށް އިތުރު ފަސޭހަތަކެއް ހޯދައިދިނުމުގެ މަގްސަދުގައި ގާއިމުކުރި ޚިދުމަތެކެވެ.

މި ޚިދުމަތް ރަސްމީކޮށް ފެށުމަށް މިއަދު ފުވައްމުލަކުގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. އެމަނިކުފާނުގެ އަރިހުގައި ވަޒީރުންނާއި، ބީއެމްއެލްގެ ޗެއާޕާސަން އަޙްމަދު ޢަލީ ހަބީބާއި، ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލުމާގު މުޙައްމަދު ޝަރީފް އަދި ބޭންކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ ޝަރީފް ވިދާޅުވީ، ފުވައްމުލަކުގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ގާއިމުކުރެވުމަކީ ބޭންކަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"މި އޭޓީއެމްއާ އެކު މި ސިޓީގެ ފަރުދުންނާއި ވިޔަފާރިތަކަށް ވެސް ބޭރު ފައިސާ ލިބުމަށް ފަސޭހަވެ، ފުވައްމުލަކުގެ އިގްތިސާދަށް އިތުރު ކުރިއެރުން ގެނެސްދޭނެ،" ޝަރީފް ވިދާޅުވިއެވެ.

ބީއެމްއެލް އަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކިންގ ވިއުގަ ހިންގާ ބޭންކެވެ. އެގޮތުން، ޖުމްލަ 20 އަތޮޅުގައި ބޭންކުގެ 42 ބްރާންޗާއި، 202 ސެލްފް ސާވިސް ބޭންކިންގ ސެންޓަރާއި، 260 އޭޓީއެމް ގާއިމުކޮށްފައިވެއެވެ. މީގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތްތައް ވެސް ބީއެމްއެލް އިން ފޯރުކޮށްދެމުން އާދެއެވެ.